ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ތަމްރީނުތައް ހިންގާ މައި މަރުކަޒު ހުންނަ ގިރިފުށީގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު މިއަދު އިފުތިތާޙުކޮށްފިއެވެ.
މި މަޝްރޫޢު އިފްތިތާޙުކުރުމުގެ ގޮތުން ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި މިއަދު އޮތް ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ ވަނީ، ޒަމާނުއްސުރެ، ދިވެހިރާއްޖޭގެ ސިފައިން ތަމްރީނުކުރާ މައި މަރުކަޒު ހުންނަ ގިރިފުށީގެ ބަނދަރު އަޕްގްރޭޑްވެގެންދާކަމީ، ދިވެހި ޤައުމީ ދިފާޢީ ބާރަށް ލިބުނު މުހިއްމު ކުރިއެރުމެއްކަން ފާހަގަކުރައްވާފައެވެ.

ގިރިފުށި ކޯސްޓަލް ޕްރޮޓެކްޝަން ޕްރޮޖެކްޓް އިފްތިތާހް ކުރުމުގެ ޖަލްސާގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވާހަކަ ދައްކަވަނީ – ފޮޓޯ: އެމްއެންޑީއެފް
އަދި، މަޝްރޫޢު ފެށިގެން ދިޔުމަކީ، ސިފައިންނަކީ ފަންނީ، ޤާބިލް، ޕްރޮފެޝަނަލް، ހުރިހާ ޙާލަތަކާ ވެސް ކުރިމަތިލުމަށް ތަމްރީނު ލިބި، ތައްޔާރުވެފައިވާ، "ފައިޓިންގ ފިޓް" ފޯރސްއަކަށް ހައްދަވަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ހަރުދަނާ ތަޞައްވުރަށް ޢަމަލީ ސިފަ އަންނަމުންދާކަމުގެ އަލިގަދަ ހެއްކެއްކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު ވިދާޅުވީ، ޤައުމީ ދިފާޢީ ބާރުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ވަރުގަދަކޮށް ޤާބިލުކަން އިތުރުކުރުމަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެންމެ މުހިއްމު އިސްތިރާޖީ ލަނޑުދަނޑިކަމުގައި ވީހިނދު، އޭގެ އެންމެ މުހިއްމު އެލިމެންޓަކީ ޓްރެއިނިންގ ކަމުގައެވެ. އަދި، ގިރިފުށްޓަކީ ދިވެހި ސިފައިންގެ ހުރިހާ ކެރިއަރ ކޯސްތަކާއި އެހެނިހެން ޝޯޓް ކޯސްތަކާއި ތަފާތު ތަމްރީނުތައް ހިންގާ މުހިއްމު މަރުކަޒެއް ކަމަށާއި، އެހެންކަމުން، ގިރިފުއްޓަކީ ވީރާނާވާން ދޫކޮށް ނުލެވޭނެ އަދި އެތަނުގެ އިންފުރާސްޓްރަކްޗަރ އަލުން ބިނާކުރަން ޖެހޭ މަރުކަޒެއްކަން ޗީފް އޮފް ޑިފެންސް ފޯސް ފާހަގަކުރެއްވިއެވެ.
ގިރިފުށީގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުއަކީ، 1998 ވަނަ އަހަރުން ފެށިގެން ދެކެމުންއައި ހުވަފެނެއް ޙަޤީޤަތަކަށް ވެގެންދިޔުންކަން ފާހަގަކުރައްވައި ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، ބަނދަރު އަޕްގުރޭޑް ނުކުރެވި އޮތުމުން ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އެގޮތުން ރަށަށް އަރާފޭބުމުގައި ހުރި ދަތިތަކާއި، ބޭރު ތޮށި އެހެން ހުރުމުން ހިންގަން ޖެހޭ ބައެއް ތަމްރީނުތައް ވެސް ނުހިންގުން ފަދަ ދަތިތަކާ ކުރިމަތިލާން ޖެހޭކަން ޗީފް އޮފް ޑިފެންސް ފޯސް ފާހަގަކުރެއްވިއެވެ.
ގިރިފުށީ ބަނދަރުގައި މިހާރު ލައިފައިވާ އެއްގަމު ތޮށްޓަކީ، 1998 ވަނަ އަހަރު ލައިފައިވާ ތޮށްޓެކެވެ. އަދި އޭގެފަހުން ގިރިފުށީ އެއްގަމު ތޮށީގައި 2002 ވަނަ އަހަރު ކޮންކުރީޓް ކެޕިން ޖެހުމުގެ މަސައްކަތް ކުރެވިފައިވެއެވެ. އޭރު ކަނޑުތޮށި ހަދާފައި ހުރީ ފަރުމަތިން ގާ ނަގައިގެން ތޮށިގަނޑެއް ހެދުމަށް ފަހު ފެންސްބައި ޖަހައިގެންނެވެ. މިގޮތަށް ހެދުމުން، ކަނޑުތޮށި ވަނީ 4 އަހަރު ތެރޭ އެއްކޮށް ހަލާކުވެފައެވެ. އަދި އެކި ފަހަރުމަތިން މަރާމާތުކުރެވުނު ނަމަވެސް އެކަމަށް ދާއިމީ ހައްލެއް އޮތީ ނުލިބިފައެވެ.
ގިރިފުށީގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އަލްފާޟިލް އާދަމް އާޒިމް ވިދާޅުވީ، ގިރިފުއްޓަކީ ހުރިހާ ދިވެހިންނަށް ނަމޫނާ ދެއްކުމަށް ޓަކައި ދިވެހި ސިފައިން ތައްޔާރުކުރާ މައި މަރުކަޒުކަމަށް ވާއިރު، މި މަރުކަޒަކީ ފުރިހަމަ އަދި ވަރުގަދަ ތަނަކަށް ހެދުމަކީ މުހިންމު ކަމެއް ކަމަށެވެ.
އަދި، ރާއްޖޭގައި ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުންދާ އެމްޓީސީސީއަށް އެމްއެންޑީއެފްގެ މަސައްކަތެއް ކުރަން ލިބުމަކީ ލިބިލައްވާ ޚާއްޞަ ޝަރަފެއްކަން ފާހަގަކުރައްވައި، އާދަމް އާޒިމް ވިދާޅުވީ، ދިވެހި ސިފައިންގެ މުއައްސަސާއިން އެދިލައްވާ މަސައްކަތްތައް އަދި ފްލެކްސިބަލް ފައިނޭންޝިންގ ޓާމްތަކުގައި ކޮށްދެވެން ހުރި ކޮންމެ ކަމެއް ވެސް ސިފައިންނަށް ކޮށްދެއްވުމަކީ އެމްޓީސީސީއަށް ލިބިގެންދާ އުފަލެއް ކަމަށެވެ. އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ވަނީ، އެ ކުންފުންޏާ ހަވާލުކޮށްފައިވާ ގިރިފުށީގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު އަންނަ ޖުލައި މަހުގެ ކުރިން ނިންމައި ޑިފެންސް މިނިސްޓްރީއާ ހަވާލުކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ގިރިފުށި ކޯސްޓަލް ޕްރޮޓެކްޝަން ޕްރޮޖެކްޓް އިފްތިތާހް ކުރުމަށް މިއަދު ބޭއްވި ޖަލްސާގެ ތެރެއިން — ފޮޓޯ: އެމްއެންޑީއެފް
މިރަސްމިއްޔާތުގައި، މި ޕްރޮޖެކްޓް ކުރިއަށްގެންދަން ހަމަޖެހިފައިވާ އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، އެމްއެންޑީއެފް ސަރވިސް ކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ޝަފީޤާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި އެމްޓީސީސީގެ އިސްވެރިންނާއި އަދި އެމްއެންޑީއެފްގެ އެކި ރޭންކުތަކުގެ ސިފައިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

