ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުންނަށް ދޭ ސްޓޫޑެންޓް ލޯންގެ އިންޓަރެސްޓު ކުޑަކުރުމަށްފަހު އިތުރު 720 ލޯނުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހިމް ހަސަން ވިދާޅުވީ މަތީ ތައުލީމް މިހާރު ހާސިލް ކުރަމުންދާ ދަރިވަރުންނާއި އަލަށް ބައިވެރިވާ ފަރާތްތަކަށް ހާއްސަކޮށް 720 ލޯނުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
އެގޮތުން އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް 417 ފުރުސަތު އޮތްއިރު މިހާރު ވެސް ކިޔަވަމުން އަންނަ ދަރިވަރުންނަށް 303 ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ފްރީ ޑިގްރީ ސްކީމްގެ ދަށުން މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް ވެސް ލޯނަށް ކުރިމަތިލެވޭނެއެވެ. މީގެ ތެރެއިން ރާއްޖޭގައި އެމްބީބީއެސް ކިޔަވަމުން އަންނަ ދަރިވަރުންނަށް 40 ސްލޮޓު ވަނީ ރިޒާވްކޮށްފައެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މިއަދު އިއުލާނު ކުރެވުނު ފުރުސަތުތަކުގައި އެންމެ ބޮޑު ބަދަލަކަށް ގެނެސްފައިވާނީ ކުރިން އެޑްމިޝަން ފީގެ ގޮތުގައި ނަގަމުން އައި ތިން އިންސައްތައިގެ އިންޓްރެސްޓު، އެއް އިންސައްތައަށް ކުޑަކުރުން ކަމަށެވެ.
މިއީ އެ ކުދިންގެ ކޯސް ފީގެ އިތުރުން ކުރަން ޖެހޭ އިތުރު ހަރަދުތައް ކުރުމަށް ޓަކައި ގެނެވޭ ބަދަލެއް ކަމަށާއި މި އަހަރުގެ ލޯނު ސްކީމުގައި ރާއްޖެއިން މާސްޓާސް ތައުލީމު ހާސިލް ކުރުމަށް ވެސް ދޫކުރެވޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން މިލޯނަށް އެދި ހުށަހެޅުމުގެ ސުންގަޑިޔަކީ 03 މާރޗް 2022 ވަނަ ދުވަހުގެ މެންދުރު 13:00ގެ ކުރިންނެވެ.

