ރާއްޖެއަކީ އިންޑިޔާ ކަނޑުގައި އޮންނަ ޤައުމެއް ކަން ފާހަނގަކުރައްވަމުން ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވީ އިންޑިޔާ ކަނޑުގައި އޮތް ޤައުމެއް އައުޓް ނުވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ރާއްޖެ، އިންޑިއާ އަށް ވިއްކާލައްވާނެ ބޭފުޅެއް ނޫން ކަމަށާއި އިންޑިއާއަކީ، އިންޑިއާގެ ކަނޑާއި ސާކްގެ ވެސް އިސް ގައުމު ކަމަށެވެ. އެހެންކަމުން އިންޑިޔާ އައުޓް ނުކުރެވޭނެ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ރާއްޖެއިން ބޭނުންވާ ކޮންމެ ހާލަތެއްގައި އިންޑިޔާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ޖާބިރު ފާހަނގަކުރެއްވިއެވެ.
ޖާބިރު ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ވެސް ހުރިހާ ގައުމަކުން ބުނަމުން ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރު ރަނގަޅު ނޫން ވާހަކަ ކަމަށާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވެސް އެކަމުގައި ވާހަކަ ދެއްކީ ޔާމީންއާ ދެކޮޅަށް ކަމަށެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ރާޑޯއަށް ދޭން އިންޑިޔާއިން ސަޕޯޓްކުރުމަކީ މައްސަލައެއް ނޫންކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި ޔާމީން ވެރިކަމަށް ގެނައުމަށްޓަކައި ސައުދީ އަރަބިއްޔާގެ ތާއީދު އޮތީ ޔާމީނަށް ކަން ބައެއް ފަހަރު ބުނެފައިވާ ކަމަށެވެ. އެއީކީ ވެސް މައްސަލައެއް ނޫން ކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު އިތުރަށް ވިދާޅުވީ އިންޑިޔާއިންވެސް އަދި ދުނިޔޭގެ އެހެން ޤައުމަކުންވެސް ރާއްޖޭގެ އިސްތިގުލާލް ގެއްލޭ ފަދަ ގޮތަކަށް ރާއްޖެއާ ބެހިގެން ނުވާނެ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރަށަކުންވެސް ފެނިގެންދަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަމުގައި ވިދާޅުވިއެވެ.

