އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ސިޒޭރިއަން ހެދި އަންހެނެއްގެ ގޮހޮރު ފަޅައިގެންދިޔަ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބަލަން ފަށައިފިއެވެ.
މިމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމްއެވެ.
ރޮޒެއިނާ ވިދާޅުވީ އޭއީއެޗްގައި ހެދި ސިޒޭރިއަނެއްގެ ތެރެއިން އަންހެނެއްގެ ގޮހޮރު ފަޅައިގެންދިޔަ ވާހަކަ ހޮސްޕިޓަލުން އާއިލާއާއި ހިއްސާކޮށްފައި ނުވާ ކަމަށާއި ބަލިމީހާ މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލަށް ދެއްކުމުން ގޮހޮރު ފަޅައިގެން ގޮސްފައި އޮތްކަން އެގުނު ކަމަށެވެ.
އެހެންކަމުން އެއަންހެންމީހާގެ ހާލު އަދިވެސް ރަނގަޅުނޫން ކަމަށާއި މިމައްސަލައިގައި ހޮސްޕިޓަލްގެ އިހުމާލެއްވާނަމަ ފިޔަވަޅު އެޅޭނެ އިންތިޒާމެއް ކޮމިޓީން ހަމަޖެއްސުމަށް ރޮޒެއިނާ ވަނީ ހުށަހަޅާފައެވެ.
އާއިލާއިން މީޑީޔާއަށް މައުލުމާތުދިން ގޮތުގައި އޭޑީކޭ ހޮސްޕިޓަލުން މިހާރުވަނީ ބަލިމީހާގެ ގޮހޮރުން ފެޅިފައި ހުރި ތަން ބުރިކޮށް ހޮޅި ލައްވާފައެވެ. އަދި މިވަގުތު ބަލިމީހާގެ ހާލު ކްރިޓިކަލް ކަމަށް އާއިލާއިން ބުނެއެވެ.
މިމައްސަލަ ހެލްތު މިނިސްޓްރީން ބަލަމުން އަންނަ ކަމަށާއި ކަނޑައެޅިގެންވާ އުސޫލްތަކުގެ ދަށުން އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
މީގެކުރިންވެސް އޭއީއެޗްގައި އިހުމާލުގެ މައްސަލަތައް ވަނީ ފެންމަތިވެފައެވެ.

