ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ، ހައްވާ މުހައްމަދު (ހައްވި) ސަރުކާރުގެ ސިޔާސީ މަޤާމަކަށް އައްޔަންކޮށްފިއެވެ.
ހައްވި އައްޔަންކޮށްފައިވަނީ އެންވައިރަމެންޓް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމަށެވެ. މިމަޤާމަކީ 25 ހާހަށްވުރެ މުސާރަ ބޮޑު މަޤާމެކެވެ. މުސާރައިގެ ގޮތުގައި 15،000ރ. ލިބިގެންދާއިރު އެލަވެންސްގެ ގޮތުގައި 10,000 ރުފިޔާގެ އިތުރުން ފޯން އެލަވަންސަށް 500ރ. މަހެއްގެ މައްޗަށް ލިބިގެންދާނެއެވެ.
ހައްވި ވަނީ މީގެކުރިން ރާއްޖެ ޓީވީ އަދި ސީއެންއެމްގައިވެސް ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. އެހެންކަމުން މީޑިއާގައި ގިނަ ތަޖުރިބާތަކެއް ހޯދައިފައިވާ ހައްވައަށް ވަނީ މި ދާއިރާއިން ބައިނަލްއަގްވާމީ އެވޯޑެއް ކަމަށްވާ ވިމެން އައިކަން އިން ދޭ "ވިމެން އިން މީޑިއާ" އެވޯޑު ލިބިފައެވެ.
ހައްވަގެ އިތުރުން ރާއްޖެ ޓީވީގައި ކުރިން މަސައްކަތްކޮށްފައިވާ ގިނަ ބޭފުޅުން ވަނީ ސިޔާސީ މަޤާމުތަކަށް އައްޔަންކޮށްފައެވެ. އެގޮތުން ދާދި ފަހުން ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ ތަހާރަތު މުހައްމަދު ވަހީދަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމު ވަނީ ދީފިއެވެ.
އެ މިނިސްޓްރީގެ މީޑިއާ ޑިޕާޓްމެންޓް މަސައްކަތްކުރަމުންދަނީ ތަހާގެ ބެލުމުގެ ދަށުންނެވެ.

