އިންޑީޔާގެ ސްކޫލްތަކާއި ކޮލެޖްތަކުގައި ބުރުގާ އަޅާ މުސްލިމް ކުދިން ކްލާހަށް ނުވައްދާ ގޮތަށް އަމަލުކުރަން ފެށުމުން އެމައްސަލަ ހޫނުވެ ކަރްނާޓަކާގެ ހުރިހާ ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށްފިއެވެ.
ދަރިވަރުން ކްލާހަށް ނުވައްދާ މައްސަލައިގައި ގިނަ ދަރިވަރުންނާއި ބެލެނެވެރިން ދަނީ އިހުތިޖާޖް ކުރަމުންނެވެ. މިއިހުތިޖާޖުގައި އިންޑިޔާގެ ހިންދޫންވެސް ދަނީ ބައިވެރިވަމުންނެވެ. އަދި އެމައްސަލަ މިހާރުވަނީ އިންޑިޔާގެ ހައި ކޯޓަށް ހުށަހަޅާފައެވެ. ދަރިވަރުން ބުނާ ގޮތުގައި ބުރުގާ އެޅުމަކީ މުސްލިމް ދަރިވަރުންނަށް ލިބިފައިވާ އަސާސީ ހައްޤެކެވެ. މިހައްޤު ނިގުޅައިގަތުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.
ކަރުނާޓަކާގެ އިތުރުން އެސްޓޭޓާއި ކައިރީގައި އޮންނަ މަދްޔަ ޕްރަދޭޝް އާއި ޕުޑްޗެރީގައި ވެސް އިއްޔެ ވަނީ ވަރުގަދަ މުޒާހަރާތަކެއް ކުރިއަށް ގެންގޮސްފައެވެ. އެދެސްޓޭޓަކީ ވެސް ބީޖޭޕީ އިން ވެރިކަން ކުރަމުން އަންނަ ދެސްޓޭޓެވެ.
އިންޑީޔާގެ މިނިސްޓަރުންނާއި ސަރުކާރުގެ އިސްވެރިން ބުނާގޮތުގައި ސްކޫލްތަކާއި ކޮލެޖްތަކުގެ ޑްރެސްކޯޑަށް ދަރިވަރުން އިހުތިރާމް ކުރަން ޖެހޭނެއެވެ. އަދި ޑްރެސްކޯޑާއި ޚިލާފަށް ބުރުގާ އަޅައިގެން ކްލާހަށް ނުވެއްދޭނެ ކަމަށެވެ.
ބުރުގާ އަޅާ މުސްލިމް ދަރިވަރުން ކްލާހަށް ނުވައްދަން އިންޑިޔާ ސަރުކާރުން އުސޫލްތައް ހަދާފައިވާއިރު ސްކޫލްތަކާއި ކޮލެޖްތަކުގައި ތައުލީމް ހާސިލް ކުރަމުންދާ މުސްލިމް ދަރިވަރުންތައް ކްލާހުން ބޭރުގައި ތިބެ ކިޔަވަމުންދާތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. މިމައްސަލަ ހޫނުވެގެން އެންމެ ފަހުން ދަރިވަރުންނާއި ބެލެނެވެރިން މުޒާހަރާއަށް ނުކުތީއެވެ.
އިންޑިއާގެ ވެރިކަމަށް ނަރެންދްރަ މޯދީ ވަޑައިގެންނެވި ހިސާބުން އިންޑިއާގައި މުސްލިމުންނާއި ދެކޮޅަށް ހިންގާ އަމަލުތައް މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

