ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު މެމްބަރުކަމުގެ ހުވާ މިއަދު ކުރައްވައިފިއެވެ.
މިއަދު ހެދުނު 8:30 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހާޒިރުގައި ރާޝިދުއަށް ހުވައިލައްވައިދިނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދެވެ.
މިދާއިރާގެ ގޮނޑި އެމްޑީޕީ ކެނޑިޑޭޓް ރާޝިދު ކާމިޔާބު ކުރައްވާފައިވަނީ އިދިކޮޅު ދެކެނޑިޑޭޓުން ކަމަށްވާ މޫސާ ފަތުހީ އަދި އަބްދުލް ހަންނާނު އިދުރީސްއާ ވާދަކޮށް ވޯޓުދިން މީހުންގެ 48.5 އިންސައްތަ ވޯޓު ހޯދައިގެންނެވެ.
އިދިކޮޅުން ތުހުމަތްކުރައްވާ ގޮތުގައި މި އިންތިޚާބް އެމްޑީޕީން ކާމިޔާބު ކުރެއްވީ ނުފޫޒު ފޯރުވައިގެންނެވެ. އެގޮތުން އިންތިޚާބާ ކައިރިވެފައިވަނިކޮށް ސަރުކާރުން ކޮމަންޑޫ ދާއިރާގައި ގިނަ މަޝްރޫއުތައް ފައްޓާފައިވާކަން އިދިކޮޅުން ވަނީ ފާހަނގަކޮށްފައެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ބައިވެރިވި ޕީޕީއެމްގެ ކެންޑިޑޭޓް ފަތުހީއަށް 1161 ވޯޓު ލިބިފައިވާއިރު އެމްއެންޕީގެ ހަންނާނަށް ލިބިވަޑައިގަތީ އެންމެ 323 ވޯޓެވެ. އެހެންނަމަވެސް އެމްޑީޕީ ކެނޑިޑޭޓް ރާޝިދުއަށް ލިބިފައިވަނީ 1401 ވޯޓެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނެއް ބާއްވަންޖެހުނީ އެ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ވަހީދު ކެންސަރު ބަލީގައި ފަރުވާ ހޯދަމުން ދަނިކޮށް 14 ޑިސެމްބަރު 2021 ގައި އަވަހާރަވުމުންނެވެ.

