އިދިކޮޅު ޕީޕީއެމް ޕީއެންސީއިން ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ކެމްޕޭން ހަރަކާތާއި ގުޅިގެން ހޯމް މިނިސްޓްރީއާއި ފުލުހުން ހާޒިރުކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ތާވަލްކޮށްފިއެވެ.
“އިންޑިއާ އައުޓް” ކެމްޕޭން ހަރަކާތުގެ ސަބަބުން ރާއްޖެއާއި އިންޑިއާގެ ރައްޔިތުންނަށް ކުރާނެ އަސަރު ދެނެގަންނަން ރައްޔިތުންގެ މަޖިލީހުން ކުރަމުންދާ ދިރާސާއަށް ހޯމް މިނިސްޓްރީއާއި ފުލުހުން މަޖިލީހުގެ ސާލަމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ)އަށް ހާޒިރުކުރަން ތާވަލްކުރެވިފައިވަނީ މިއަދު މެންދުރު 14:30 ގައެވެ.
މީގެކުރިން ބޭއްވުނު ބައްދަލުވުމެއްގައި އެމްއެންޑީއެފްއާއި، ޑިފެންސް މިނިސްޓްރީއާއި، ފޮރިން މިނިސްޓްރީއާއި، އިކޮނޮމިކް މިނިސްޓްރީވެސް މިމައްސަލައިގައި މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރަން ވަނީ ނިންމާފައެވެ.
އިންޑިޔާގެ އިތުރުން ޗައިނާއަކީވެސް ރާއްޖެއާ ގާތްގުޅުމެއް ބާއްވާ އެހީތެރިކަން އަބަދުވެސް ފޯރުކޮށްދޭ ޤައުމެކެވެ. ނަމަވެސް ރާއްޖެއިން ވަކިން ހާއްސަކޮށް އިންޑިޔާއާއި ގާތްގުޅުމެއް ބާއްވަމުންދާތީ އިދިކޮޅުން ދަނީ އެކަމާ ފާޑުކިޔަމުންނެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި އަމަންއަމާންކަން ނަގާލަން ހުޅުވިގެންދާ މަގެއް ކަމަށް އދިކޮޅުން ދަނީ ބުނަމުންނެވެ.
އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބަލަހައްޓަން، ކޮންމެ އުޅަނދަކަށް 25 ސިފައިންގެ މަގުން ޖުމުލަ 75 އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބެއެވެ.
ސަރުކާރުގެ އިސްބޭފުޅުން ވިދާޅުވާ ގޮތުގައި އިންޑިޔާގެ އަސްކަރީ އެހީ ރާއްޖެއިން ހޯދުމުގެ ބޭނުމަކީ ރާއްޖެއަށް މަސްތުވާ ތަކެތި އެތެރެކުރުން ހުއްޓުވުމާއި ނިރުބަވެރި ހަރަކާތްތައް ރާއްޖޭގައި ހިނގިޔަނުދީ ބެލެހެއްޓުމެވެ. އަދި އިންޑިއާ އަސްކަރިއްޔާގެ ބެކްޔާޑެއްގެ ގޮތުގައި ރާއްޖޭގެ ސަރަހައްދުތައް ބޭނުންކޮށްގެން، އިންޑިއާގެ ޖާސޫސީ މީހުންނާއި، އަސްކަރީ ސިފައިން ދާއިމީ ގޮތެއްގައި ރާއްޖޭގައި ބޭއްތިބޭނެ ގޮތް ހެދުމެވެ. އެހެންނަމަވެސް ދެ ގައުމުގެ ސަރުކާރުން ވެސް މި ވާހަކަތައް ދޮގު ކުރެއެވެ.

