ހއ އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީއިން ވިދާޅުވީ، އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 80 އިންސައްތަ ނިމިފައިވާ ކަމަށާއި، އެގޮތުން އެއްގަމު ތޮށި ލުމުގެ މަސައްކަތާއި އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ނިމިފައިވާ ކަަމަށެވެ.
މިމަޝްރޫއުގެ ދަށުން، 30،509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 284 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 187 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.
އަދި މަގުބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، 4،582 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ. މިމަސައްކަތަކީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ. މިމަޝްރޫއުއަކީ 59.07 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.

