އިއްޔެ މުޅި މީސްމީޑިއާގައި އެންމެ ގަދައަށް ދެކެވުނު ވާހަކައަކީ، ރާއްޖެއިން ބޭރުން ގެނައި ގިނަ އަދެއްގެ ދޫނިތަކެއް މަރާލި ވާހަކައެވެ. އެދޫންޏަކީ ރާއްޖެ އެތެރެކުރުމަށް މަނާ ދޫންޏެއް ކަމަށްބުނެ ކުށެއް ނެތް އެދޫނިތައް މަރާލުމަކީ އެކަމުގައި އޮތް އެންމެ ރަނގަޅު ހައްލު ހެއްޔެވެ! ދޫނި މަރާލުން ނޫން ގޮތެއް ނެތީހެއްޔެވެ.
ކޮންމެ އަކަސް މިކަމުގައި އެކި މީހުންގެ ހިޔާލު ތަފާތެވެ. ބައެއް މީހުން ބުނަނީ ދޫނިތައް މަރާލުމުން ގޯސްވީ އެކަން ކުރި މީހުން ކަމަށެވެ. އަދި އެނޫން ގޮތެއް ނޯންނާނެ ކަމަށްވެސް ބައެއް މީހުން ބުނަމުންދެއެވެ. ހުއްދަނެތި އެގޮތަށް އެތެރެކުރާ ދޫނިތައް ދޫކޮށްލާނެ މާހައުލެއް ގާއިމުކޮށްފިއްޔާ، ދެން މިނިކާވަގާއި ސާރިދޯޅުވެސް އެތެރެކޮށްފާނެ ކަމަށް ބައެއް މީހުން ބުނަމުންދެއެވެ.
ނަމަވެސް ގިނަ ބަޔަކު ބުނާ ގޮތުގައި ގަވާއިދާ ޚިލާފަށް އެދޫނިތައް އެތެރެކުރުމުން އެއީ ދޫނިތަކުގެ މައްސަލައެއް ނޫންކަމަށާއި، ރަހުމް ކުޑަގޮތަކަށް އެދޫނިތައް މަރާލެވިގެން ނުވާނެ ކަމަށެވެ. އަދި މެރުން ނޫން ގޮތެއް ހޯދަން ޖެހޭ ކަމަށާއި، ގަވާއިދާ ޚިލާފަށް އެގޮތަށް ދޫނި އެތެރެ ކުރާ މީހުންނާމެދު އަމަލު ކުރަން ޖެހޭ އުސޫލު ބަދަލުކުރަން ޖެހޭ ކަމަށެވެ. އަދި އެކަމަކީ އަބަދުވެސް އޮންނަ އުސޫލުގެ ދަށުން ކުރާ ކަމަކަށް ވުމީ ކުށެއް ނެތް ދޫނިތަކެއް މަރަން ލިބޭ ހުއްދައެއް ނޫން ކަމަށެވެ.
ބައެއް މީހުން މިހާރު ގެންދަނީ މިކަން ސިޔާސީ ކަމަކަށް ހަދައި، އެކަމަކީ ރައީސް ޔާމީންގެ ސަރުކާރުގައިވެސް އަމަލު ކުރަމުންދިޔަ އުސޫލުގެ ދަށުން ގަވައިދާ ޚިލާފަށް އެތެރެކުރާ ދޫނިތައް ކުރިން ވެސް މަރަމުން ދިޔަ ކަމަށެވެ. ކޮންމެ އަކަސް ކޮންމެ ވެރިޔަކު ހުއްޓަސް އަދި ކޮންމެ ސަރުކާރެއް އޮތަސް ކުށެއް ނެތް ދޫނިތަކެއް މަރާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
މިކަމާ ގުޅިގެން ބައެއް މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ އިސްވެރިންވެސް ދަނީ އަޑުއުފުލަމުންނެވެ. އެގޮތުން ކުށެއް ނެތް ދޫނިތަކެއް މަރާލުމުގެ މައްސަލަ ބަލަންޖެހޭނެ ކަމަށާއި، އެގޮތަށް އޮތް އުސޫލު ބަދަލުކުރަން ޖެހޭ ކަމަށް ބައެެއް މެމްބަރުން ގެންދަނީ ބުނަމުންނެވެ.
ގަވާއިދާ ޚިލާފަށް އެތެރެކުރާ ދޫނި މަރާލުމަށް އޮތް އުުސޫލު ބަދަލުކޮށް އެއަށްވުރެ ހަރުދަނާ އުސޫލުތަކެއް ގާއިމުކުރެވެން ޖެހެއެވެ. އެކަކު އަނެކަކަށް ކުށްވެރި ކޮށް ވާހަކަ ދެއްކުމުގެ ބަދަލުގައި އެންމެން އެކައްޗެއް ކިޔައި ރަގަޅު ނިޒާމެއް ގާއިމު ކުރަން ޖެހެއެވެ.

