އެވިޑް ކޮލެޖްގައި ރިސަރޗް ގްރާންޓް ސްކީމެއް ތަޢާރަފްކޮށް އެ ސްކީމް ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.
މިއަދު ހެނދުނު އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި އެކޮލެޖްގެ ފެކަލްޓީ އޮފް ރިސަރޗް އެންޑް އިނޮވޭޝަންސްގެ ނަން "ސެންޓަރ ފޯރ ރިސަރޗް އެންޑް އިނޮވޭޝަންސް" އަށް ބަދަލުކުރައްވިކަން ޢިއްލާން ކުރެއްވުމަށްފަހު ރަސްމީގޮތުން ރިސަރޗް ގްރާންޓް ސްކީމް އިފްތިތާޙްކޮށްދެއްވީ އެވިޑް ކޮލެޖްގެ ޗެއަރމަން އަލްފާޟިލް ޢަބްދުﷲ މުސްތާޤް ރަޝާދެވެ.
މިރަސްމިއްޔާތުގައި އެވިޑް ކޮލެޖްގެ ޗެއަރމަންއަށް ލަފާ ދެއްވަވާ ޚާއްޞަ މުޝީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު އާއި އެވިޑް ކޮލެޖްގެ ސްޓެރެޓެޖިކް ޕްލޭން ތައްޔާރުކުރެއްވެވި ކޮންސަލްޓެންޓްކަމުގައިވާ ޑރ. އަޙްމަދު ޢަލިމަނިކު ބައިވެރިވެ ލެއްވެވިއެވެ. އަދި މީގެ އިތުރުން އެވިޑް ކޮލެޖްގެ އެކަޑެމިކް ސްޓާފުންވެސް މިހަފްލާގައި ބައިވެރިވެލެއްވެވިއެވެ.

އެވިޑް ކޮލެޖްގެ ރިސަރޗް ގްރާންޓް ސްކީމް އިފްތިތާޙް ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން — ފޮޓޯ: އެވިޑް ކޮލެޖް
މިޖަލްސާގައި ވާހަކަ ދައްކަވަމުން އެވިޑް ކޮލެޖްގެ ޗެއަރމަން ވިދާޅުވީ، އެކޮލެޖުގެ ރިސާރޗް ގްރާންޓް ސްކީމް އިފްތިތާހުވެގެން ދިއުމަކީ އެކޮލެޖުގެ ތާރީޚުގައި ލިޔެވި ފާހަގަވެގެން ދާނެ ދުވަހެއް ކަމަށާއި، މިކަމުގެ ސަބަބުން އިލްމީ ދިރާސައްތައް ކުރައްވާނެ ބޭފުޅުންތަކެއް އަލަށް އުފެދި ނުވަތަ އިތުރުވެ އެބޭފުޅުންގެ ދިރާސާތަކުގެ ސަބަބުން މުޖުތަމަޢުއަށް ނުހަނު ފައިދާ ކުރާނެ ކަމަށެވެ.
މިއީ އެވިޑް ކޮލެޖްގެ ތާރީޚްގައި ލިޔެވި ފާހަގަވެގެންދާނެ އުފާވެރި ދުވަހެއް. މިއަދު ފެށިގެން މިދަނީ ވަރަށް މުހިންމު ކަމެއް. މިކަމުގެ ސަބަބުން ދިރާސާތައް ކުރައްވާނޭ ބޭފުޅުންތަކެއް އަލަށް އުފެދި ނުވަތަ އިތުރުވެ އެބޭފުޅުންގެ ދިރާސާތަކުގެ ސަބަބުން މުޅި މުޖުތަމައުއަށް ނުހަނު ފައިދާ ކުރާނެ ކަމެއް. އެވިޑް ކޮލެޖްގެ ޗެއަރމަން އަލްފާޟިލް އަބްދުﷲ މުސްތާޤް ވިދާޅުވިއެވެ.
އަދި ޚާޢްޞަކޮށް އެވިޑް ކޮލެޖަށާއި އަދި އެވިޑް ކޮލެޖްގެ ސްޓާފުންނަށާއި ދަރިވަރުންގެ ކުރިއެރުމަށް އިތުރުމަގެއް ކޮށިގެން ދާނެ ކަމެއް ކަމަށްވެސް އެވިޑް ކޮލެޖްގެ ޗެއަރމަން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެވިޑް ކޮލެޖްގެ ރިސަރޗް ގްރާންޓް ސްކީމް މިވަގުތަށް ޚާޢްސަކުރެވިފައިވަނީ ހަމައެކަނި އެވިޑް ކޮލެޖްގެ ސްޓާފުންނަށް ކަމުގައިވިޔަސް ކުރިއަށް އޮތް ދުވަސްތަކުގައި މިސްކީމް ފުޅާކޮށް ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދެވޭނެ ކަމަށެވެ.
މިސްކީމްގެ ދަށުން އެވިޑް ކޮލެޖްގައި މަސައްކަތްކުރައްވާ ސްޓާފުންގެ ތެރެއިން މާސްޓަރސް ފެންވަރުގެ ބޭފުޅުންނާއި މާސްޓަރސް ފެންވަރުގެ ކޯހެއްގައި މަތީ ތަޢުލީމު ޙާޞިލްކުރައްވަމުންގެންދަވާ ބޭފުޅުންނަށް ، އެވިޑް ކޮލެޖްގައި ހިންގާ އެކަޑެމިކް ކޮންމެ ޕްރޮގްރާމަކާ ގުޅޭ ގޮތުން ހައްދަވާ ރިސަރޗްތަކަށް ޕްރޮޕޯސަލް ހުށަހެޅުއްވުމުން މިކަމާގުޅޭ ހުރިހާ މަޢުލޫމާތެއް ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ ޕޮލިސީގެ ދަށުން އެޕްރޮޕޯސަލްއަށް ފަންޑުކުރެވޭނެއެވެ. އެވިޑް ކޮލެޖްގެ ރިސަރޗް ގްރާންޓަކީ އެވިޑް ކޮލެޖްގެ ސެންޓަރ ފޯރ ރިސަރޗް އެންޑް އިނޮވޭޝަންގެ ބެލުމުގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ.

