ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބު ފަސްކޮށްފިއެވެ.
މިކައުންސިލްގެ އިންތިޚާބް ބޭއްވުމަށް ފުރަތަމަ ހަމަޖެހިފައިވަނީ 19 ފެބްރުއަރީ 2022އެވެ. އެހެންނަމަވެސް މިއިންތިޚާބު މިވަނީ ފަސްކުރެވިފައެވެ.
މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ވިދާޅުވީ މިހާރު މިއިންތިޚާބު ބާއްވަން ހަމަޖެހިފައިވަނީ މިމަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އިން 12:00 އަށް ކަމަށެވެ.
މިފަދަ ކައުންސިލެއް އުފެއްދުމުގެ ބޭނުމަކީ ހާއްސަ އެހީއަށްބޭނުންވާ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މިކައުންސިލަށް އިންތިޚާބު ކުރެވޭނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ތެރެއިން މެންބަރުންނެވެ.
ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހު 10 ވަނަ ދުވަހު މެންދުރު 14:00 ގެ ނިޔަލަށް މިވަނީ ހުޅުވާލެވިފައެވެ.
މި ރަޖިސްޓްރީ ދިވެހި ސަރުކާރުގެ ގެޒެޓުގައާއި މިނިސްޓްރީގެ ވެބްސައިޓުގައިވަނީ ޝާއިއުކޮށްފައެވެ.
ޝަކުވާ ފޯމު ޖެންޑަރ މިނިސްޓްރީގެ ވެބްސައިޓުންނާއި ދިވެހ ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. ފޯމު ފުރުއްވުމަށްފަހު މިނިސްޓްރީގެ އީމެއިލް އެޑްރެސް disability@gender.gov.mv އަށް ފޯމު މެއިލް ކުރުމަށް މިނިސްޓްރީންވަނީ އަންގާފައެވެ.

