ދާދިފަހުން ރާއްޖޭގެ ރަށަކަށް ގިނަ އަދަދެއްގެ މަސްތުވާ ތަކެތި އަރުވާފައިވާ ކަމަށާއި އެތަކެތި އަތުލައި ނުގަނެވުނު ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ސީޕީ ހަމީދު މިހެން ވިދާޅުވެފައިވަނީ އިންޑިޔާ އައުޓް ކެމްޕެއިން ހަރަކާތާއި ގުޅިގެން އިއްޔެ ބޭއްވުނު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އަށް ފުލުހުން ހާޒިރުކުރުމުން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ހަމީދު ވިދާޅުވީ ރާއްޖެއަށް ދާދިފަހުން އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައި ނުގަނެވި، ރަށަކަށް އެރުވުމަށް ފަހު އެ އެއްޗެހި ގެންގޮސްފައިވާކަން އެނގޭ ކަމަށާއި އެތަކެތިން އަތުލައިގަނެވުނީ ވަރަށް މަދު މިންވަރެއް ކަމަށެވެ.
ޑްރަގް ޓްރެފިކިންގ އާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތަށް ގިނަ ގޮންޖެހުންތައް ހުރިކަމަށް ފާހަނގަކުރަމުން ސީޕީ ވިދާޅުވީ ޑްރަގް ޓްރެފިކިން ކުރާ މީހުން ފުލުހުންނާއި މެދު ހިތްހަމަނުހެޖުން އޮންނާތީ، އެއީ އިންޑިޔާ އައުޓް ހަރަކާތާއި ގުޅުން ހުރި ކަމެއް ކަމުގައި ދެކޭކަމަށެވެ.
ހަމީދު އިތުރަށް ވިދާޅުވީ ޑްރަގް ޓްރެފިކިންގ އަކީ ރާއްޖޭގައި މިހާރު ވަރަށް ފުޅާ ދާއިރާގައި ކުރަމުން އަންނަ ވިޔަފާރިއެއް ކަމަށެވެ. އަދި މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭ 1.3 ޓަނުގެ މަސްތުވާތަކެތި ރާއްޖެއިން އަތުލައިގެންފައިވާ ކަމަށް ސީޕީ ހަމީދު ވަނީ ފާހަނގަކޮށްފައެވެ.
މީގެއިތުރުން އިންޑިޔާ އައުޓް ހަރަކާތަށް ފަންޑުކުރަނީ މާލޭގައި ތިބި އެންމެ ނުރައްކާތެރި 10 ގޭންގަށް ނިސްބަތްވާ މީހުން ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެއީ ކޮން ބައެއްކަން ހާމަކުރެވެން ނެތްކަމަށް ހަމީދު ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް މަސްތުވާތަކެއްޗާއިބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކާއި، ގޭންގު ކުށްތައް މަނާކުރުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއްގެ އިތުރުން ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހަޅާނެކަން ހާމަކޮށްފަ އެވެ.

