އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓަކު ކަނޑައަޅައި، ޕްރައިމަރީގެ ވޯޓު ނެގުން ބާއްވާނެ ތާރީޚެއް ކަނޑައެޅުމަށް މިރޭ ބާއްވާ އެމްޑީޕީގެ ޤައުމީ މަޖުލީހުގެ ޖަލްސާގައި އެޖެންޑާކޮށްފިއެވެ.
އިސްކަންދަރު ސްކޫލުގައި މިރޭ 20:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޤައުމީ މަޖުލީހުގެ ޖަލްސާގައި ރިޔާސީ ޕްރައިމަރީގެ އިތުރުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އިންތިހާބާއި، ޗެއާޕާސަންގެ އިންތިހާބާއި، އަންހެނުންގެ ރޫހުގެ އިންތިހާބު އަދި ޒުވާނުންގެ ހިތްވަރުގެ އިންތިހާބު ބޭއްވުމާއިމެދު މަޝްވަރާ ކުރެވިގެންދާނެއެވެ.
2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓަކު ހޯދުމަކީ މިވަގުތު ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިފައި އޮތް ކަމެކެވެ. ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާނެކަން ފާޅުގައި އެމަނިކުފާނުވަނީ ވިދާޅުވެފައެވެ. އަދި ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުން ދެވަނަ ދައުރަކަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށްވެސް ލިބިގެންވެއެވެ.
އެހެންކަމުން މިރޭ ބާއްވާ އެމްޑީޕީގެ ޤައުމީ މަޖުލީހުގެ ޖަލްސާ ވެގެންދާނީ ގިނަ ބައެއްގެ އިންތިޒާރަށް ނިމުމެއް އަންނާނެ ޖަލްސާއަކަށެވެ. އޭގެ ފަހުގައި ރިޔާސީ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީއަށް ކެމްޕެއިން ފެށިގެންދާނެއެވެ.

