އިމިގްރޭޝަންގެ އޮފީހެއް ގދ.ތިނަދޫގައި ހުންނަ މިއުޒިއަމް ޕާކުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް ތިނަދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވީ އައު އިމާރާތް ހުޅުވެންދެން އިމިގްރޭޝަންގެ އޮފީސް ހިންގާނީ ތިނަދޫ މިއުޒިއަމްޕާކުގެ އިމާރާތުގައި ކަމަށާއި މިކަމަށްޓަކައި އިދާރީ ގޮތުން ވާންޖެހޭ ހުރިހާ ތައްޔާރީތައް ކުރިޔަށް ގެންދާ ކަމަށެވެ.
ތިނަދޫގައި އިމިގްރޭޝަން އޮފީހެއް ޤާއިމުކުރެވިގެން ދިޔުމަކީ މުޅި އަތޮޅަށްވެސް ލިބިގެންދާނެ ކުރިއެރުމެއް ކަމުގައި ސައުދު ފާހަނގަކޮށްލިއެވެ. އެހެންކަމުން ކުރިޔަށް އޮތްތާނގައި އިމިގްރޭޝަން މިނިސްޓްރީގެ ގިނަ މަސައްކަތްތައް ތިނަދޫގައި ކުރިޔަށް ގެންދެވި ރައްޔިތުންނަށް ޚިދުމަތް ދޭން ފަށާނެއެވެ.
ކައުންސިލުން ހާމަކުރި ގޮތުގައި އިމިގްރޭޝަންގެ އައު އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ތިނަދޫ ދެކުނު (ދަނޑެކޮޑޭ) ތިންކަން ޕާކުގެ ދެކުނަށް އޮންނަ ބިމުގައެވެ.
ތިނަދޫގައި އިމިގްރޭޝަން އޮފީހެއް ޤާއިމުކުރުމަށް މިދިޔަ އަހަރު ސެޕްޓެމްބަރމަހުގައި އިމިގްރޭޝަނުން ވަނީ ތިނަދޫ ކައުންސިލާއި ބައްދަލުކޮށް މަޝްވަރާކޮށްފައެވެ.
މިކަމާއި ގުޅިގެން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސެއިން އޭރު ވިދާޅުވީ، އިމިގްރޭޝަންގެ ޚިދުމަތްތައްވެސް ލާމަރުކަޒުކޮށް އަތޮޅުތަކުގެ ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށާއި ތިނަދޫއިން ޕާސްޕޯޓުގެ ޚިދުމަތްދޭން ފެށުމާއި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް އިކޮނޮމިކް މިނިސްޓްރީއާއި ގުޅިގެން ކުރާ މަސައްކަތްތަކުގައި ތިނަދޫ ކައުންސިލުގެ އެހީތެރިކަމާއި އެއްބާރުލުން ހޯދުމާގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ.
މާލޭ ސަރަޙައްދުގެ އިތުރުން އިމިގްރޭޝަންގެ އޮފީސްތައް އަތޮޅު ތެރޭގައި މިވަގުތު ޤާއިމުކޮށްފައިވަނީ 3 ސަރަހައްދެއްގައެވެ. އެއީ ކުޅުދުއްފުށީ ސިޓީއާއި، ފުވައްމުލައް ސިޓީގެ އިތުރުން އައްޑޫ ސިޓީ ހިތަދޫގައެވެ.

