ހުވަދު އަތޮޅު ދެކުނުބުރި ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އެދި ލޯކަލް ގަވާމެންޓް އޮތޯރިޓީ(އެލްޖީއޭ) ގެ ފަރާތުން ސިޓީއެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އެލްޖީއޭ އިން މަޖިލީހަށް ފޮނުވި ސިޓީއަކީ ތިނަދޫ ކައުންސިލުން އެލްޖީއަށް ފޮނުވި ހުށަހެޅުމެކެވެ.
އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ސޮއިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ، ތިނަދޫ ސިޓީ އަކަށް ބަދަލުކުރުމާއި ގުޅޭ ގޮތުން މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއާއި މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބޭއްވޭނެ އިންތިޒާމް ހަމަޖައްސައިދެއްވުމަށެވެ.
އަދި މިސިޓީގައި އިތުރަށް ބުނެފައިވަނީ ތިނަދޫ ރަށުު ކައުންސިލް ސިޓީ ކައުންސިލަކަށް ބަދަލުކުރުމަށް އެލްޖީއޭއަށް ލިޔުންތައް ލިބިފައިވާ ކަމަށެވެ.
ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އެދި ސިޓީއެއް މަޖިލީހަށް ހުށަހަޅާފައިވާއިރު، އެރަށު ކައުންސިލުން ވަނީ އެރަށް ސިޓީއަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ތިނަދޫ އަކީ ރާއްޖޭގެ ނިސްބަތުން ބޮޑު އާބާދީ އެއް އޮންނަ ރަށަކަށް ވެފައި، ސިޓީއެއްގެ ދަރަޖަ ނުލިބުމުގެ ސަބަބުން ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހޭކަން ތިނަދޫ ކައުންސިލްގެ ރައީސް ސައުދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

