ގައްދޫ ބަދަރު ބޭނުންކުރުމުގައި ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށް، ރައްޔިތުންނަށް ބޭނުންހިފޭ ބަދަރަކަށް އެބަދަރު ހެދުމަށްޓަކައި، އެމަސައްކަތް މިހާރު ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާ ޙަވާލުކޮށްފައެވެ.
އާބާދީގައި 3000 އެއްހާ މީހުން ދިރިއުޅޭ ގދ. ގައްދޫގައި އޮތް އިހުގެ ބަނދަރު ބޮޑުކޮށް ނިމިދިޔަ ސަރުކާރުންވަނީ އެރަށުގައި ބަނދަރެއް ހަދާފައެވެ. ހަލުވިމިނުގައި ތަރައްޤީވަމުން އަންނަ ގައްދޫއަށް މިބަނދަރު ކުޑަވެ ބަނދަރުގެ ސައިޒު ބޮޑުކުރުމަށް ރައްޔިތުން އެދުމުން ރައްޔިތުން އެދޭގޮތަށް އެމްޓީސީސީންވަނީ ގައްދޫގައި ޓީޖެޓީއަކާއެކު ދެވަނަ ފިޔަވަހީގެ ދަށުން ބަނދަރެއް ތަރައްޤީކޮށްފައެވެ. ނަމަވެސް އޭރު ރައްޔިތުން އެދުނުގޮތަށް ބަނދަރުގެ ޑިޒައިނަށް ގެނެވުނު ބަދަލު ވެގެން ގޮސްފައިވަނީ ކުރީގެ ބަނދަރު ބޭނުންކުރުމަށް ހުރަސްތަކެއް ކުރިމަތިވީ ސަބަބަކަށެވެ. މިގޮތުން ދިޔަވަރު ބޮޑުވާ ގަޑިތަކާއި އޮއެބާރުވާ ދުވަސްވަރު ބަނދަރުގައި އަޅާފައިވަ އޮޑިދޯނިފަހަރަށާއި ލޯންޗުފަހަރަށް ބޮޑެތި ގެއްލުންތަކެއް ލިބި އަރާފޭބުމަށްވެސްވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.
މިމައްސަލަ ޙައްލުކޮށް އެރަށުގެ ބަނދަރު ރައްޔިތުންނަށް ބޭނުން ހިފޭ ފަދަ ބަނދަރަކަށް ހެދުމަށްޓަކާ މިހާރުވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާ ޙަވާލުކޮށްފައިވާއިރު، މިމައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ.
ޕީއެސްއެމްނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ
“ބަނދަރުގެ މަސައްކަތް ނިމިގެންދާއިރު މިހާރު ބޭނުންކުރާ އެއް ނެރު ބަންދުކޮށް އައު ޗެނަލްއެއް ކެނޑި ފައިކަށި ޖެހުމުން ބަނދަރަށް ވަދެނިކުތުމުގައި މިހާރު ކުރިމަތިވާ ދަތިތައް ހައްލުވާނެ. އަދި މިބަނދަރުގައި އެބަވޭ ޓީޖެޓީއެއް. އެޖެޓީގެ ދަށުން ފަސްގަނޑު އެއްކޮށް ދަމައިގަނެގެންގޮސްފައިވަނީ. އެކަންވެސް މަރާމާތުކުރެވިގެންދާނެ.” އާޒިމް ވިދާޅުވިއެވެ.
ގައްދޫގައި ދެބަނދަރު އޮންނަ ގޮތުން އެއްބަނދަރުގެ ބޭނުން ނުކުރެވޭކަމީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ. މިކަމާއި ގުޅިގެން މަޢުލޫމާތުދެއްވަމުން ޤައްދޫ ކައުންސިލްގެ ނާއިބު ރައީސާ ޚަދީޖާ އަޙްމަދު އަޒާލް ވިދާޅުވީ މުޅި ބަނދަރުގެ ބޭނުން ނުކުރެވޭތީ މިހާރު ބޭނުންކުރާ ކުރީގެ ބަނދަރު ވަރަށް އަވަހަށް ފުރި ތޮއްޖެހުމުގެ މައްސަލަ ކުރިމަތިވާކަމަށެވެ.
ގައްދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމާއި، 232 މީޓަރުގެ ބޭރު ތޮށި ލުމާއި، 35 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 320 މީޓަރުގެ އެއްގަމުތޮށި ލުމާއި، 320 މީޓަރުގެ އޭޕްރަންއެއް ހެދުމާއި، 1600 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، 26 މީޓަރު ދިގުމިނުގެ 2 މީޓަރު ފުޅާމިނުގެ ބްރިޖެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ އިތުރުން އެންވައިރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.
ގައްދޫ ބަނދަރު ހެދުމުގެ މަސައްކަތް 41.38 މިލިއަން ރުފިޔާއަށް އެއް އަހަރުތެރޭ ނިންމުމަށް އެމްޓީސީސީއާއި ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

