އަޅުގަނޑުމެންގެ ހާލަތަށް ބަލާއިރު، އަޅުގަނޑުމެންގެ ކާބަފައިންގެ ހާލަތަށްވުރެ އަޅުގަނޑުމެންގެ މާއްދީ ހާލަތު މާ ތަނަވަހެވެ. އަދި އަޅުގަނޑުމެންނަށް ލިބިފައިވާ ވަސީލަތްތައް މާ ތަނަވަހެވެ. އެހެނަސް އަޅުގަނޑުމެންނަށް އުޅެންޖެހިފައި މިވަނީ ހާސްކަމާއި ކަންބޮޑުވުމުގެ ތެރޭގައެވެ. އަދަދުކޮށް، ހިސާބު ނުކުރެވޭހައި ގިނަ މައްސަލަތަކެއްގެ ތެރޭގައި، އަޅުގަނޑުމެން މިވަނީ ޣަރަޤުވާން ޖެހިފައެވެ.
އަޅުގަނޑުމެންގެ ކާބަފައިން މާތް ﷲ އަށް އީމާންވެ، އެކަލާނގެ އެންގެވި ކަންތައްތައް ދަސްކޮށް، އެއާ އެއްގޮތަށް އަމަލު ކުރިއެވެ. މިކަމުގެ ސަބަބުން އެމީހުންނަށް މާތް ﷲ ގެ އިނާޔަތާއި ރިޢާޔަތް ލިބުނެވެ. އެމީހުންނާ އެކު މާތް ﷲ ވޮޑިވެގެންވާކަން އެންގެވިއެވެ.
މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
މުއުމިނަކު ކަމުގައިވާ ހާލު، ފިރިހެނުންގެ ތެރެއިން ވިޔަސް، ޞާލިޙް އަމަލެއް ކޮށްފި މީހާ (ދަންނާށެވެ!) ފަހެ ހަމަކަށަވަރުން އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަން ރަސްކަލާނގެ ދެއްވާހުށީމެވެ. އެއީ ހަމަކަށަވަރުން އެއުރެން އަމަލުކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަން ރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ.
އަޅުގަނޑުމެންގެ ކާބަފައިންގެ ހާއްސަ ސިފަތަކުގެ ތެރޭގައި، މައިންބަފައިންނަށް ކަމޭހިތުމާއި އަޅައިލުންވެއެވެ. މައިންބަފައިންނާއި ގާތްތިމާގެ މީހުންނަށް ކަމޭހިތުމަކީ، އެކަމުގެ ސަބަބުން ހެޔޮކަމާއި ލާބައިގެ ގިނަގުނަ ދޮރުތައް ހުޅުވޭ ކަމެކެވެ. މަތިވެރި އަޚުލާޤުގެ މަތީގައި، އިސްލާމީ ދައުލަތުގެ ޒުވާނުން ތަރުބިއްޔަތު ކުރެއްވުމަށް، ރަސޫލާ (ޞޢވ) ވަރަށް ޚާއްސަ އިސްކަމެއް ދެއްވިއެވެ.
މައިންބަފައިންނަށް އިހާނެތިކޮށް ހިތާ މީހުންނަށް އާޚިރަތް ދުވަހުން ލިބޭ އަޛާބުގެ އިތުރުން ދުނިޔެމަތީގައި ވެސް ޢުޤޫބާތް ދައްކަވާނެކަން އަންގަވައި، މާތް ނަބިއްޔާ (ޞޢވ) ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
ފާފަތަކުގެ ތެރެއިން އަނިޔާ ކުރުމާއި، މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި، ގާތްތިމާގެކަމުގެ ގުޅުން ކަނޑައިލުން ފިޔަވައި، އެންމެހާ ފާފަތަކުގެ ޖަޒާ، ޤިޔާމަތާ ހަމައަށް މާތް ﷲ ފަސްކުރައްވަތެވެ. ނަމަވެސް މިކަންކަމުގެ ޖަޒާ މަރުވުމުގެ ކުރިން ދުނިޔެމަތީގައިވެސް، އެމީހަކަށް އެކަލާނގެ އަވަސް ކުރައްވަތެވެ.
މިއަދު އަޅުގަނޑުމެންގެ ތެރެއިން ފެންނަމުންދާ ބައެއް މަންޒަރުތަކަކީ، ހިތާމަހުރި މަންޒަރުތަކެކެވެ. ބައެއް ދަރީން އެމީހުންގެ މައިންބަފައިން އުމުރުން ދުވަސްވުމުން އަޅާނުލައި، ގެއިން ބޭރުކޮށްލައި، މައިންބަފައިން ބިކަ ހާލުގައި ޖައްސާ މަންޒަރު ކަމުގައި ޚުޠުބާގައި ބުނެއެވެ.ވެ. ދަރީން ތަނަވަސްކަންމަތީ ތިބެމެ، މައިންބަފައިން އެހެން މީހުން ގާތަށް ގޮސް ސަލާންޖަހައިގެން ކައިބޮއެ އުޅޭ މަންޒަރު މަދުން ނަމަވެސް ފެންނަކަމުގައި ޚުޠުބާގައި ބުނެއެވެ. އުމުރުން ދުވަސްވެފައިވާ މައިންބަފައިންނަށް އަޑުލައި، އެއްޗެހި ކިޔައި، މޫނުމަތީގައި ޒުވާބުކޮށް އުޅޭ މަންޒަރު މިމުޖުތަމަޢު އިން ފެންނަ ކަމުގައި ޚުޠުބާގައި ބުނެއެވެ. ބައެއް ފަހަރު މުސްކުޅި މައިންބަފައިންނަށް ސަރުކާރުންދޭ އިނާޔަތުގައި ޖެހި، މައިންބަފައިން އެ ފައިސާކޮޅުން މަޙްރޫމު ކުރާ މަންޒަރުވެސް ފެންނަކަމުގައި ޚުޠުބާގައި ބުނެއެވެ. މިފަދަ އިހުމާލުތަކަކީ އަޅުގަނޑުމެން ދެރަވެ ލަނދުގަންނަންޖެހޭ ކަންކަމެވެ.
މައިންބަފައިންނާއި، ގާތްތިމާގެ މީހުންނަށް ހެޔޮކޮށް ހިތުމަކީ ދީނުގައި އެކަމަށް ބާރުއަޅާފައިވާ، ދީނީގޮތުންވެސް މާތް ހެޔު ދަރުމަޔާއި ސަވާބު ލިބޭ ކަމޭކަމެކެވެ.

