އުމުރުން 17 އަހަރުގެ ނެދަލޭންޑްސްގެ ޒުވާން ފިރިހެން ކުއްޖަކު، ފުޓްބޯޅަ ކުޅުމުގެ ތެރޭގައި ކަކުލު ހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެން ކަކުލު ހުޅުގެ އޮޕަރޭޝަނެއް ކުރިޔަށް ގެންދެވުނެވެ. ކަކުލު ހުޅުގެ އޮޕަރޭޝަނަށްފަހު، މިޒުވާނާ ހޭއެރިއިރު، ވަރަށް ހައިރާން ކުރުވަނިވި ގޮތަކަށް އޭނާގެ މަންމަޔާއި ބައްޕަ ވަކިކުރަން ނޭނގުމުގެ އިތުރުން އަމިއްލަ މާދަރީ ބަސްކަމުގައިވާ ޑަޗް ބަހުން ވާހަކަ ދައްކަން ނޭނގުމުގެ އިތުރުން އެބަހުން ދައްކާ އެއްވެސް ވާހަކައެއް ޒުވާނާއަށް ފަހުމް ނުވިއެވެ.
ހޭނައްތައިގެން ކުރެވުނު އޮޕަރޭޝަނަށްފަހު، ޑޮކްޓަރުންނާއި ނަރުހުން، ޒުވާނާގެ މާދަރީ ބަސްކަމުގައިވާ، ޑަޗް ބަހުން ދެއްކި އެއްވެސް ވާހަކައެއް އޭނާއަށް ނޭނގުމުގެ އިތުރުން، އެބަހުން ވާހަކަދައްކަންވެސް އޭނާއަށް ނޭނގުނެވެ. އަދި ވަރަށް ހައިރާން ކުރުވަނިވި ގޮތަކަށް ޒުވާނާގެ މަންމަޔާއި ބައްޕަ، ފާހަގަކުރަން ނޭނގުމުގެ އިތުރުން އެއީ ދަންނަ ބައެއްގެ ގޮތުގައިވެސް އޭނާއަށް ފާހަގަ ނުވިއެވެ.
އަމިއްލަ މާދަރީ ބަސް ނޭނގުނު ނަމަވެސް، ޑޮކްޓަރުން އިނގިރޭސި ބަހުން މިޒުވާނާ އާއި ވާހަކަ ދެއްކުމުން، ދެއްކިވާހަކަ ފަހުމް ވުމުގެ އިތުރުން، އިނގިރޭސި ބަހުން ވާހަކަ ދައްކައި، ޖަވާބުވެސް ދީފައި ވެއެވެ. އިނގިރޭސި ބަހަކީ، ދެވަނަ ބަހެއްގެ ގޮތުގައި، މިޒުވާނާ، ސްކޫލްގައި ކިޔަވަމުން އަންނަ ބަހެކެވެ.
މިޒުވާނާ ޤަބޫލުކުރެވުނު ގޮތުގައި އޭނާ ހޭއިރު އިރު ހުރެވުނީ، އެމެރިކާގައެވެ. އަދި އޭނާ ދުވަހަކުވެސް ގޮސްފައިވާ ނުވާ އެމެރިކާގެ ސްޓޭޓެއް ކަމުގައިވާ އުޓަހް ގައި އޭނާއަށް ހުރެވުނުކަމުގައި އޭނާ އަށް ހީވިއެވެ.
މާސްޓްރިޗްޓް ޔުނިވާސިޓީ މެޑިކަލް ސެންޓާގައި، މިޒުވާނާއަށް ފަރުވާކޮށްފައިވާ ޑޮކްޓަރުން ހާމަކޮށްފައިވާ ގޮތުގައި، އޮޕަރޭޝަނަށްފަހު ހޭލެވިގެން 24 ގަޑިއިރު ފަހުން، އެއްކޮށް ކުޅެން އުޅުނު ކުދިންނާއި، ގާތް ރައްޓެހިން، ޒިޔާރަތްކޮށް، ވާހަކަދެއްކުމުން، މާދަރީ ބަސްކަމުގައިވާ ޑަޗް ބަހުން ދައްކާ ވާހަކަ މަޑުމަޑުން ސާފުވަމުން ދިޔަކަމުގައި ވެއެވެ. އަދި ޑަޗްބަހުން ވާހަކަ ދައްކަންވެސް އެނގިގެން ދިޔަކަމުގައި ވެއެވެ. މެޑިކަލް ޖާނަލްއެއްގައި ޒުވާނާއަށް ކުރިމަތިވި ސިއްޙީ ޙާލަތު ސިއްޙީ ނަޒަރަކުން ދިރާސާކޮށް ޑޮކްޓަރުން ބުނެފައިވަނީ، ޒުވާނާއަށް ކުރިމަތިވެފައިވީ ވަރަށް މަދުން ކުރިމަތިވާ ސިއްޙީ މައްސަލައެއް ކަމުގައިވާ ފޮރިން ލެންގުއޭޖް ސިންޑްރޯމް އެވެ.
ފޮރިން ލެންގުއޭޖް ސިންޑްރޯމަކީ، އާދަޔާ ޚިލާފަށް މަދުން ދުނިޔެއިން ފެންނަ ސިއްޚީ މައްސަލައެވެ. މިސިއްޙީ މައްސަލަ ކުރިމަތިވުމުން، ކުއްލި ގޮތަކަށް އަމިއްލަ މާދަރީބަސް ނުދަންނަ ބަހެއްގެ ގޮތުގައިވެ، ވާހަކަ ދައްކަން އެނގޭ ދެވަނަ ބަހެއް އަމިއްލަ ބަސްކަމުގައި ބަލައިގަނެވި އެބަހުން ވާހަކަ ދެއްކެއެވެ. އަދި ބައެއްފަހަރު މިގޮތަށް ވާހަކަ ދައްކާ ބަހަކީ، ކުރިން ދަސްކޮށްފައިވީނަމަވެސް، އަހަރުތަކަކަށް އެބަހަކުން ވާހަކަ ނުދައްކާ ބަހަކަށްވުން ވެސް އެކަށީގެންވެއެވެ. މިސިކުނޑީގެ މާދަރީ ބަސް ކޮންޓްރޯލް ކުރާ ބަޔަށް ކުރިމަތިވާ ކުއްލި ޝޮކަކުން ކުރިމަތިވާ ކަމެކެވެ. ފޮރިން ލެންގުއޭޖް ސިންޑްރޯމަކީ އާދަޔާ ޚިލާފަށް މަދުން ކުރިމަތިވާ ސިއްޙީ މައްސަލަޔަކަށް ވުމުން، މިސިއްޙީ މައްސަލަ މާބޮޑަށް ދިރާސާކުރެވިފައި ނުވެއެވެ.
މާބޮޑު އުދަނގޫތަކެއް ކުރިމަތި ނުވެ، އޮޕަރޭޝަނުގެ 24 ގަޑިއިރުފަހުން ޒުވާނާވަނީ، ހަމަޔަކަށް އެޅި، މައިންބަފައިން ވެސް ވަކިކުރަން އެނގި މާދަރީބަސް ކަމުގައިވާ ޑަޗް ބަހުންވެސް ވާހަކަ ދައްކަން ފަށާފައެވެ. ނަމަވެސް މިޒުވާނާއަށް އާދަޔާ ޚިލާފުގޮތަކަށް މިކުރިމަތިވި، މައްސަލަ އަދިވެސް ޑޮކްޓަރުން އަންނަނީ ތަޙްލީލުކޮށް ޓެސްޓްތައް ހަދަމުންނެވެ.
މިހާތަނަށް ހޯދުނު ހޯދުންތަކުން، މިޒުވާނާގެ ސިކުނޑީގެ އެއްވެސް މައްސަލައެއް އަދި ނުކުޅެދުންތެރިކަމެއް ފާހަގަ ކުރެވިފައި ނުވެއެވެ.

