ރަށުން ބޭރު ފަރާތްތަކަށް ބޯހިޔާވަހިކަމަށް ފުރުސަތު ހުޅުވާލުމުން 600 ވުރެ ގިނަ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމުގައި ގދ ތިނަދޫ ކައުންސިލުން ހާމަކޮށްފިއެވެ.
ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ރައީސް ސައުދު ޢަލީ މިއަދު ވިދާޅުވީ ތިނަދޫއިން ބޯހިޔާވަހިކަމަށް އެދި 600 ވުރެ ގިނަ ފަރާތަކުން ޝައުޤުވެރިކަން ފާޅު ކުރުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީ އެއް ކަމަށާއި ހުޅުވާލާފައި މުއްދަތް ހަމަވާން އަދިވެސް މަހަކަށް ވުރެ ގިނަ ދުވަސް އެބައޮތް ކަމަށެވެ. ސައުދު ވިދާޅުވީ ތިނަދޫއިން ބިމަށް އެދި ޝައުގުވެރިކަން ފާޅު ކުރުމަށް ހުޅުވާލާފައި ފުރުސަތުގައި މިހާ ގިނަ ބަޔަކު އެދުމުން އޭގެ ނަތީޖާއަކީ އާބާދީ އިތުރުވެ ސިޓީ އަކަށް ބަދަލުވެ ތިނަދޫގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭ ކުރިއެރުމަށް ކުރެވޭ އުއްމީދު އާވުން ކަމަށެވެ.
"ތިނަދޫގެ ތަރައްޤީ އަބަދުވެސް ވިސްނަނީ ސަރަހައްދީ ވިސްނުމުގައި މުޅި ހުވަދު އަތޮޅަށް މަންފާ ކުރާ ގޮތަށް. އެގޮތުން ރަށުގެ ރައްޔިތުންނަށް އޭގެ އެންމެ ފުޅާ ދާއިރާއެއްގައި ހުޅުވާ ލާއިރު ރަށުން ބޭރު ފަރާތްތަކަށް ވެސް މިވަނީ ތިނަދޫގައި އަމިއްލަ ބިން ރަޖިސްޓަރީ ކުރެވޭނެ ފުރުސަތު ހުޅުވާލެވިފައި. އެކަން ތަންފީޒްވެ ހިގަން ފެށުމުން މުޅި އަތޮޅުގެ އިގްތިސާދީ ދުވެލި މުޅިން އާ އުސްމިނަކަށް ދާނެ. ހުޅުވާލާފައި ފުރުސަތުގައި އެހާގިނަ ބަޔަކު ޝައުގުވެރިކަން ފާޅު ކުރަމުން ދަނީ މި ދެންނެވި ޙަޤީޤަތަށް ވިސްނާފަ ކަމަށް ދެކެނީ" ތިނަދޫ ރައީސް ސައުދު ޢަލީ ވިދާޅުވިއެވެ.
ތިނަދޫ އިން ގޯތި ނުވަތަ ބޯހިޔާކޮށްލަން ބޭނުންވާ ރަށުން ބޭރު ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލީ މި އަހަރުގެ ޖެނުއަރީ 6 ވަނަ ދުވަހުއެވެ. އަދި ފުރުޞަތު އެންމެ ފަހު ތާރީޚަކީ އަންނަ މާރިޗް މަހުގެ 31 ވަނަ ދުވަހެވެ. ތިނަދޫއަކީ ހަލުއި މިނެއްގައި އާބާދީ އިތުރުވަމުންދާ، ތަރައްޤީގެ އާ އުސްމިނަކަށް ވާސިލުވުމަށް ރަށު ކައުންސިލްގެ އަމާޒު ހިފާފައިވާ ރަށެއްކަން ފާހަގަ ކުރެވެއެވެ.

