ރާއްޖެއިން އައިވީއެފްގެ ފަރުވާ ދޭން ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް މައި ކްލިނިކުން ވިދާޅުވެއްޖެއެވެ.
މައިކްލިނިކްގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު އަޒްމަތު އަބްދުﷲ މޫސާ މީޑިޔާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދަރިމައިވުމުގެ މައްސަލަތައް ހުންނަ މީހުންނަށް އިންޓްރާޔުޓެރިން އިންސެމިނޭޝަން (އައިޔޫއައި)ގެ ފަރުވާ މިހާތަނަށް ވަރަށް ފުރިހަމަ ކާމިޔާބެއް ހޯދާފައިވާ ކަމަށާއި މިހާރު އެކްލިނިކުން ތައްޔާރުވަމުންދަނީ އައިވީއެފްގެ ފަރުވާގެ ޚިދުމަތް ރާއްޖެއަށް ތައާރަފް ކުރުމަށް ކަމަށެވެ.
އައިވީއެފް ހެދުމަށްޓަކައި ވަރަށް ބޮޑު ޚަރަދެއް ކޮށްފައި ދާން ޖެހެނީ ރާއްޖެއިން ބޭރަށެވެ. ރާއްޖޭގެ ގިނަ ބަޔަކު މިފަރުވާ ހޯދުމަށްޓަކައި ރާއްޖެއިން ބޭރަށް ދާން ޖެހިފައި މާލީ ދަތިކަން ހުރުމާއެކު މިފަރުވާ ނުހޯދިފައި ތިބިކަން އަޒްމަތު ފާހަނގަކޮށްލިއެވެ.cއެހެންކަމުން ރާއްޖެއިން މިފަދަ ޚިދުމަތެއް ލިބިގެން ދިޔުމަކީ ސިއްޚީ ދާއިރާއަށް ލިބިގެންދާނެ ކުރިއެރުމެވެ.
އެކިއެކި ބަލިތަކަށް ފަރުވާ ދިނުމަށްޓަކައި ހުޅުވިގެންދިޔަ މައި ކްލިނިކް 2018 ވަނަ އަހަރުން ފެށިގެން އަންނަނީ އަންހެނުންނަށް ހާއްސަކޮށް ފާޓިލިޓީ ސެންޓަރެއްގެ ގޮތުގައި ފަރުވާ ދެމުންނެވެ. އިންޑިޔާގެ އަމްރިތާ ހޮސްޕިޓަލްގެ ފާޓިލިޓީ ސެންޓަރާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ މައި ކްލިނިކް އިން މިހާރު ދެމުން އަންނަ ޚިދުމަތްތަކަށް ބަލާލާއިރު އައިޔޫއައިގެ ފަރުވާގެ އިތުރުން ސްކޭން ކުރުމާއި އައިވީއެފް ހަދަން ޖެހޭ މީހުން އިންޑިޔާއަށް ފޮނުވައިގެން ފަސޭހަ ގޮތަކަށް އެކަން ކުރާނެ ގޮތެއް ހަމަޖައްސައިދިނުން ހިމެނެއެވެ.
އެގޮތުން އައިވީއެފް ހެދުމަށް އިންޑިޔާއަށް ގޮސް 2-3 މަސް އެކޮޅުގައި ތިބުމުގެ ބަދަލުގައި 1 މަސް ދުވަސް ނުވަތަ 3 ހަފްތާއިން ފަރުވާ ހޯދޭނެ ގޮތަށް މައިކްލިނިކުން ދަނީ ބަލިމީހުންނަށް ލުއިގޮތްތައް ހޯދައިދެމުންނެވެ.

