ގއ.ދާންދޫ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމަށް ޑީއެމްއެން ކުންފުންޏާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ދާންދޫ ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައި ބޭއްވުނު މިރަސްމިއްޔާތުގައި ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފްއެވެ. ޑީއެމްއެން ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އިބްރާހިމް ރައްޒާން ނިޔާޒްއެވެ.
މިއެއްބަސްވުމުގެ ދަށުން ދާންދޫ ފުޓްބޯޅަ ދަނޑުގެ ވަށާ ފާރު ރާނާ، ފެންސް ޖެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި 68 ދުވަސްތެރޭ ނިންމަން ވަނީ ހަމަޖެހިފައެވެ. މިއީ 12 ލައްކަ 19 ހާސް ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށް ދާންދޫ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

ދާންދޫ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމަށް އެއްބަސް ވުމުގައި ސޮއި ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން – ހުވަދޫ ފޮޓޯ: އަޚުތަރު
ދާންދޫ ކައުންސިލްގެ ރައީސް އާސިފް ވިދާޅުވީ މިޕްރޮޖެކްޓަކީ ދާންދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމަށް ޔޫތު މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ދަށުން ކައުންސިލާއި ހަވާލުކޮށްގެން ކުރިޔަށް ގެންދެވޭ ޕްރޮޖެކްޓެއް ކަމަށާއި ސަރުކާރުން ރަށުގެ ތަރައްޤީއަށް ކުރިޔަށް ގެންދާ ހުރިހާ މަސައްކަތެއްގައި ކައުންސިލްގެ ފަރާތުން ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.
ދާންދޫ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ދަނޑުގައި ޓާފް އެޅުމާއި ލައިޓް ހަރުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ކަމަށާއި މިހާރުވެސް ބައެއް މަސައްކަތްތައް ކުރިޔަށް ގެންދާ ކަމަށް އާސިފް މައުލޫމާތު ދިނެވެ.
މިރަސްމިއްޔާތުގައި ކައުންސިލް މެންބަރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބް އަބްދުﷲ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މެންބަރު ޔައުޤޫބު ފާހަނގަކުރެއްވި ގޮތުގައި ކޮންޓްރެކްޓް އުސޫލުން ހަވާލުކުރެވޭ މަސައްކަތްތައް ކަނޑައެޅިފައިވާ ތާރީޚް ފަހަނަ އަޅައި ދާއިރުވެސް ނުނިމި މަސައްކަތްތައް ނުނިމި ލަސްވެގެންދާކަމީ މިހާރަކަށް އައިސް ވަރަށް ގިނައިން ދިމާވާ މައްސަލައެކެެެވެ. އެހެންނަމަވެސް މިމަސައްކަތް ވީހާވެސް އަވަހަށް ނިންމަވައިދެއްވުމަށް ޔައުޤޫބުވަނީ އެދިލައްވާފައެވެ. އަދި ސަރުކާރުން ތަރައްޤީއަށް ކުރައްވާ މަސައްކަތްތައް ފާހަނގަކޮށް ޔައުޤޫބު ވަނީ ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ.

