އެމްޑީޕީގެ ޗެއަރ ޕާސަން ކަމުގެ މަޤާމަށް ވާދަކުރައްވާ ބޭފުޅުންގެ މެދުގައި ބާއްވާ އިންތިޚާބު މިވަނީ ދެރައީސުންގެ ވާދަވެރި އިންތިޚާބަކަށްވެފައެވެ.
އަންނަ އޭޕްރީލްމަހު 16 ވަނަ ދުވަހު ބާއްވާ އެމްޑީޕީ ޗެއަރޕާސަންގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި)އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅަކަށް ވާއިރު މިމަޤާމަށް ކުރިމަތިލާފައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އަކި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެނޑިޑޭޓެކެވެ. އެމްޑީޕީގެ ބައެއް މެންބަރުން ވަނީ މިކަން ޔަޤީންކޮށް ދެއްވާފައެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ނަޝީދުގެ ފެކްޝަނުގެ މެންބަރުން ދަނީ އިންތިއަށް ތާއީދުކޮށް ޓްވީޓްތައް ކުރައްވަމުންނެވެ. އަދި ހަމައެއާއެކު ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި، ރައީސް ފަޅީގެ ބައެއް މަޖިލިސް މެންބަރުން ފައްޔާޒަށް ތާއީދު ކުރައްވައި ޓްވީޓް ކުރައްވާފައިވެއެވެ.
ޕާޓީގެ ޗެއަރޕާސަންގެ މަޤާމަކީ ޕާޓީގެ ހުރިހާ ކަމެއް ނިންމުމުގެ ބާރު ލިބިގެންވާ ވަރުގަދަ މަޤާމެކެވެ. އެމަޤާމުގައި މިހާރު ހުންނެވި ހަސަން ލަތީފްގެ ދައުރު މިވަނީ އިއްޔެ ނިމިފައެވެ. ހަސަން ލަތީފަކީ ނަޝީދު ފެކްޝަނުގެ ބޭފުޅެކެވެ.
މުހައްމަދު ނަޝީދު އާއި ރައިސް ސޯލިހުގެ ހިޔާލުފުޅު ތަފާތުވެ ޕާޓީތެރެއިން މިވަނީ ފެކްޝަންތައް ހެދިފައެވެ. އެހެންކަމުން ޕާޓީ ތެރެއިން ބާއްވާ ކޮންމެ އިންތިޚާބެއްގައިވެސް ދެރައީސުންގެ ވާދަވެރިކަން ވަނީ ފެނިގެން ގޮސްފައެވެ. އޭގެތެރެއިން ގިނަ ކާމިޔާބުތައް ހޯދާފައިވަނީ ރައީސް ސޯލިހުއެވެ.

