އިންޑިޔާގެ ސިފައިން ހިންގި ބޮޑު އޮޕަރޭޝަނެއްގައި ކަނޑުމަތިން 760 ކިލޯގެ މަސްތުވާ ތަކެތި އަތުލައިގެންފިއެވެ.
އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އާ ހަވާލާދީ އެ ޤައުމުގެ ބައެއް ނޫސްތަކުން ރިޕޯޓުތަކުގައިވާ ގޮތުން އިންޑިޔާ ސިފައިން އަތުލައިގަތް މަސްތުވާ ތަކެތީގެ އަގު 265.5 މިލިޔަން ޑޮލަރަށް އަރާނެއެވެ. އެއީ ދިވެހި ރުފިޔާ ހަތަރު ބިލިޔަން ރުފިޔާއެވެ.
ރިޕޯޓްތައް ބުނާގޮތުން އަތުލައިގަނެވުނު މަސްތުވާ ތަކެތީގެ ތެރޭގައި 529 ކިލޯގެ ހަޝިޝް އަދި ކްރިސްޓަލް މެތަމްފެޓަމައިން އަދި ކޮންމެވެސް ވަރަކަށް ހެރޮއިން ފެނިފައިވެއެވެ. އަދި މިތަކެއްޗަކީ ވަރަށް ހައި ކޮލެޓީގެ ތަކެތި ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
އެންސީބީން އިއްޔެ ނެރުނު ބަޔާނެއްގައި މި އޮޕަރޭޝަނާ ގުޅޭގޮތުން އިތުރަށް ބުނެފައި ވަނީ، މިއީ އިންޓަނޭޝަނަލް ވޯޓާސްގައި ހިންގި މިފަދަ އޮޕަރޭޝަނެއްގައި މިގޮތަށް މަސްތުވާތަކެތި އަތުލައިގަތް ފުރަތަމަ ފަހަރު ކަމަށާއި މިއީ އެންސީބީން ކަނޑުގެ ސިފައިންގެ އިންޓެލިޖެންސާ ހިއްސާކުރި މައުލޫމާތުގެ މައްޗަށް ހިންގި ޖޮއިންޓް އޮޕަރޭޝަނެއް ކަމަށެވެ.

