ސްޓާރލިންކް އިންޓަރނެޓް ރާއްޖެއަށް ދިނުމަށް ސްޕޭސް އެކްސް އާއެކު ސަރުކާރުން މަޝްވަރާކޮށްފިއެވެ.
ރާއްޖެއަށް ހައި ސްޕީޑް އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދެއްވުމުގެ މަޝްރޫޢުގެ ދަށުން ސްޕޭސް އެކްސްގެ ސްޓާރލިންކް އިންޓަރނެޓް ރާއްޖެއަށް ދިނުމަށް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ އާއި ސްޕޭސް އެކްސް ކުންފުނިން ވަނީ މަޝްވަރާކޮށްފައެވެ.
އެންވަޔަރްމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެ ޚިދުމަތް ފޯރުކޮށް ދިނުމާ ބެހޭގޮތުން މިނިސްޓަރު ޝައުނާ އާއި ސްޓާލިންކްގެ މާކެޓް އެކްސެސް ޑައިރެކްޓާ ރަޔާންއާ އެކު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
ޝައުނާ މީގެ ކުރިން ވިދާޅުވެފައިވަނީ މި ސަރަހައްދަށް ސްޓާލިންކްގެ ޚިދުމަތް ލިބެން ފެށުމުން އެ ޚިދުމަތް ރާއްޖޭގައި މަނާ ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އެހެންނަމަވެސް އިތުރު މައުލޫމާތެއް ހާމަކޮށްފައިނުވެއެވެ.
ސްޕޭސް އެކްސް ކުންފުނީގެ ވެރިޔާއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް މަހުޖަނު ކަމަށްވާ އީލޮން މަސްކުއެވެ. ސްޓާރލިންކްއަކީ ސްޕޭސް އެކްސް ކުންފުނިން ސެޓެލައިޓް މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދެމުންދާ ހައި ސްޕީޑް އިންޓަރނެޓްގެ ޚިދުމަތެކެވެ.

