ރާއްޖޭގެ ހޫނު މޫސުމާއި ދިމާކޮށް ކަރަންޓު ޚަރަދު ކުޑަކޮށްގެން ފައިސާގެ އިނާމު ހޯދުމުގެ ފުރުސަތު ސްޓެލްކޯއިން ހުޅުވައިފިއެވެ.
ސްޓެލްކޯއިން ވިދާޅުވީ “ސޭވް އެނާޖީ”ގެ ނަމުގައި ފަށާފައިވާ މިކެމްޕެއިނަކީ ހޫނު މޫސުމާއި ދިމާކޮށް ކަރަންޓު ލޯޑު ކުޑަކޮށް، އިގްތިސާދު ކުރުމަށް އާއްމުން ހޭލުންތެރި ކުރުމަށްޓަކައި ކުރިޔަށް ގެންދާ ކެމްޕެއިނެއް ކަމަށާއި މިއީ މިކެމްޕެއިން ކުރިޔަށް ގެންދާ ހަތަރުވަނަ ފަހަރު ކަމަށެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ މިކެމްޕެއިން ހިންގަން ފެށުމުން ކަރަންޓު ބިލްތައް ބޮޑުވެގެން ހުށަހެޅޭ ޝަކުވާތައް މަދުކަމަށާއި ކަރަންޓު މަދުކުރުމުން ގޭގޭގެ ބިލް 15 ޕަސެންޓާއި 20 ޕަސެންޓާ ދެމެދުގެ އަދަދަކަށް ކުޑަވާ ކަމަށެވެ.
މީގެ އިތުރުން މިފަހަރުގެ ކެމްޕެއިންގައި އެންމެ ބޮޑަށް ކަރަންޓު އިގްތިސާދުކުރާ ފަރާތްތަކުގެ މެދުގައި ޕްރޮމޯޝަނެއް ކުރިއަށްގެން ގޮސް، ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށް މުޣުނީ ވަނީ ވިދާޅުވެފައެވެ. އަދި ކުންފުނީގެ އަމާޒަކީ ރައްޔިތުން އަތުން ފައިސާތަކެއް ހޯދުން ނޫން ކަމަށާއި އަމާޒަކީ ކަރަންޓު ސޭވް ކުރާނެ ގޮތް ރައްޔިތުންނަށް ކިޔައީ ބިލު ކުޑަކުރުމަށް އަހުލުވެރިކުރުން ކަމަށް މުޣުނީ ވިދާޅުވިއެވެ.
މި ކެމްޕޭނާއެކު ސްޓެލްކޯއިން ވަނީ ޓީވީއާއި ރޭޑިއޯ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް މަޢުލޫމާތު ދީ، އާއްމުން ޙޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދަން ނިންމައިފަ އެވެ. އަދި ސްކޫލްތަކުގެ އިތުރުން، އޮފީސްތަކަށް ވެސް ޕްރޮގްރާމްތައް ކުރިއަށްގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

