ރާއްޖޭގެ ފަސްގަނޑުގައި އެއްވެސް ޤައުމެއްގެ ސިފައިންނަކަށް ނުތިބެވޭނެ ކަމަށް ސަލަފްގެ އިސް މެމްބަރު އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.
އަލީ ރަމީޒު ވިދާޅުވީ އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގައި ތިބެ ޤައުމު އަޅުވެތި ކުރަން ޖާގަނުދޭނެ ކަމަށާއި އަޅުވެތިކަން ތަހައްމަލް ނުކުރެވޭނެ ކަމަށެވެ. އަދި ޤައުމަށް ޣައްދާރުވި ޚާއިނުންނަށް ހައްޤު އަދަބު ދިނުމަށް އަލީ ރަމީޒް ވަނީ ގޮވާލާފައެވެ.
ރާއްޖޭގައި އިންޑިޔާ ސިފައިން ތިބުމަކުން ރާއްޖެއަށް އެއްވެސް ގެއްލުމެއް ނެތްކަމަށް ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައިވާއިރު، އިންޑިއާ އައުޓް ކެމްޕެއިނާ ގުޅިގެން ރާއްޖެއަށް ލިބޭ ގެއްލުން ދިރާސާ ކުރުމަށް 241 ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވެފައިވަނީ އިދިކޮޅުން ހިންގާ އިންޑިޔާ އައުޓް ކެމްޕެއިން ހަރަކާތުގެ ސަބަބުން ދެޤައުމުގެ ގުޅުން ހީނަރުވެ ދާހިލީ ސަލާމަތަށް ނުރަނގަޅު އަސަރު ކުރާކަމަށެވެ. އެހެންނަމަވެސް އަދި މިފަދަ އަމަލެއް ފެނިފައިނުވާ ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.
ސީޕީގެ މިވާހަތަކާއި ގުޅިގެން ގިނަ ބަޔަކު ވަނީ ފާޑުވިދާޅުވެފައެވެ. ޚާއްސަކޮށް ޤައުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އުފުއްލަވާ ފަރާތުން އެހެން ޤައުމުގެ އަސްކަރީ ބާރަކަށް ރާއްޖޭގައި ތިބުމުގެ ޖާގަދީ ހިތްވަރު ލިބޭގޮތަށް ވާހަކަ ދެއްކުމަކީ މިނިވަންކަމާއިމެދު އެއްވެސް ވަރަކަށް ނުވިސްނާ ކަމުގެ ހެއްކެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ސަރުކާރުން ވަނީ ރާއްޖޭގައި އިދިކޮޅުން ހިންގާ “އިންޑިއާ އައުޓް” ކެމްޕެއިންގެ ސަބަބުން އިންޑިއާއިން ރާއްޖެއަށް ފިޔަވަޅު އަޅާފާނެކަމަށް ވިދާޅުވެފައެވެ.

