ރާއްޖޭގައި ވިޔަފާއި ކުރެވޭނީ އެވަގުތު ހުންނެވި ރައީސަށް 115 ގުދުވެގެން ކަމަށް ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިޔަށް ގެންދާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވެފައިވަނީ ރާއްޖޭގެ މާހައުލުގައި ވިޔަވާރިކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށާއި ވިޔަފާރިއެއް ކުރާނަމަ ނުވަތަ ކުރަން ބޭނުންވާ ނަމަ އެވަގުތު އޮންނަ ސަރުކާރަކަށް 115 ފަހަރު ބޯލަބައި ގުދުވާން ޖެހޭ ކަމަށެވެ.
ޖާބިރު ވިދާޅުވީ ޤާނޫނީ އެތައް އަމުރެއް ވިޔަފާރިތަކުގެ މައްޗަށް އޮންނާތީ މައްސަލައެއް ދިމާވާ ހިނދު ޤާނޫނީ ގޮތުން އެކަން އޮންނަ ގޮތް ވިޔަފާރިވެރިޔާއަށްވެސް ސާފުނުވާ ކަމަށެވެ. އަދި ވިޔަފާރިއެއް ކުރަން ބޭނުންނަމަ ފުރަތަމަ ޖެހެނީ ވެރިޔާ ރުއްސަން ކަމުގައި ޖާބިރު ވިދާޅުވިއެވެ.
“ދެވަނަ ކަމަކީ ވަޒީރު، ސުބުހާނަﷲ، ވަޒީރު އެ ހުންނަނީ ފެނުނީމާ ވެސް އޭނާ ކަމެއް ކޮށްދޭން ޖެހިދާނެތީ ފިލައިގެން، ޖުއްބާ ލައިގެން، އެއީ ވަޒީރެއް ކަންވެސް ސާފެއް ނޫން،” ޖާބިރު ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިޔާ (ރައީސުލްޖުމްހޫރިއްޔާ) ރުއްސެވުމަށްފަހު އެކަމަކާއި ގުޅޭ ވަޒީރުންގެ ރުހުން ހޯދަން ވަޒީރުގެ ފަހަތުން ދުވަން ޖެހޭކަން ޖާބިރުވަނީ ވިދާޅުވެފައެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ބެހޭ މިބިލް މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާއެވެ. މިބިލު ހުށަހަޅަމުން އޭނާ ވިދާޅުވީ ބިލުގެ އެންމެ ބޮޑު ބޭނުނަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހަރުދަނާކުރުމުގެ ގޮތުން އެފަދަ ވިޔަފާރިތައް ގިންތިކުރުމުގައި ރިއާޔަތްކުރާ މައުލޫމާތުތަކުގެ ތެރޭގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބަލަހައްޓާ މައުލޫމާތުތައް ހިމެނުމެވެ.
ބިލުގައިވާ ގޮތުން ޕެންޝަން ސްކީމްގައި ރަޖިސްޓްރީކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ޕެންޝަން އޮފީހަށް ހުށަހަޅާ މައުލޫމާތުތަކުގެ ތެރެއިން އެ ވިޔަފާރިތަކުގެ މުވައްޒަފުންގެ އަދަދުގެ މައުލޫމާތު ކޮންމެ އަހަރެއްގެ ޖުލައި މަސް ނިމުމުގެ ކުރިން ޕެންޝަން އޮފީހުން ރެޖިސްޓްރާއަށް ހުށަހަޅަން ޖެހޭނެއެވެ.

