ރ ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މައްސަކަތުގެ ބޮޑުބައި ނިމިއްޖެ ކަމަށް އެމަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީއިން ވިދާޅުވީ، ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ 65 އިންސައްތަ ނިމިފައިވާ ކަމަށެވެ. އެގޮތުން ދުއްވާ ސަރަހައްދުގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތްތަކާއި ފެންހިންދާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައި ކަމަށެވެ.
އޭގެ އިތުރުން ފޭވްމަންޓު ހެދުމުގެ މަސައްކަތުގެ 65 އިންސައްތަ ނިމިފައިވާ ކަމަށްވެސް އެމްޓީސީސީއިން ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން، 17790 އަކަ މީޓަރުގެ ދިގުމިނުގެ 9 މަގެއްގެ މަސައްކަތް ކުރަންވަނީ ހަމަޖެހިފައިވެއެވެ. އަދި 6923 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، 17790 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމުގެ އިތުރުން މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 37.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

