މިފްކޯގެ މަސް ބޯޓަކަށް މިއަދު 150 އަށްވުރެ ގިނަ ޓަނުގެ މަސް ގަނެފި ކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.
ފެލިވަރުގެ މެނޭޖަރު މުހައްމަދު އިބްރާހިމް މީޑީޔާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިފްކޯގެ މަސްބޯޓަކަށް މިއަދި 155.57 ޓަނުގެ މަސް ގަނެފައވާ ކަމަށާއި މިއީ މިފްކޯގެ ތާރީޚުގައިވެސް އެއްދުވަސްތެރޭ ބޯޓަކަށް މަސް ގަނެވުނު ފުރަތަމަ ފަހަރު ކަމަށެވެ.
އެގޮތުން ރައީސް ސޯލިހުގެ ވެރިކަމުގައި މިފްކޯއަށް ގެނައި ޖަޒީރާ 102 ބޯޓު މިވަގުތު އޮތީ ގދ.ތިނަދޫ ބަދަރުގައި ކަމަށާއި، 155.57 ޓަނުގެ މަސް ގަނެފައިވަނީ ޖަޒިރާ 102 ބޯޓުން ކަމަށް މެނޭޖަރު މައުލޫމާތު ދިނެވެ.
މުހައްމަދު އިބްރާހިމް ވިދާޅުވި ގޮތުގައި އެބޯޓުގެ އަޕްގްރޭޑިން މަސައްކަތް އަދި އެއްކޮށް ނުނިމެނީސް ވަގުތީގޮތުން ބޯޓު މަސްގަތުމަށް ނެރެފައިވަނީ އެސަރަހައްދުގައި މިވަގުތު މަސްވެރިކަން ރަނގަޅުވުމުންނެވެ.
ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން މިފްކޯގެ ސީއީއޯ އިސްމައިލް ފައުޒީ ވިދާޅުވީ ޖަޒީރާ 102 ބޯޓު ތިނަދޫ ބަނދަރުގައި މަސްގަންނަން މިއަދު ފަށާފައިވާކަމަށާއި އެސަރަހައްދުގައި އިތުރު 7 ބޯޓު މަސްގަތުމަށް ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.
ފައުޒީ އިތުރަށް ވިދާޅުވީ ދުވާލަކަށް 100 ޓަނުގެ މަސް އެބޯޓަށް ގަނެވޭނެ ކަމަށާއި 300 ޓަނުގެ މަސް ރައްކާތެރިކަމާއެކު ބެހެއްޓޭނެ ޖާގަ އެބޯޓުގައި އެބަހުރި ކަމަށެވެ.
މީގެއިތުރުން މިދުވަސްވަރަކީ މަސްވެރިކަން ރަނގަޅު ދުވަސްވަރެއްކަން ފާހަނގަކުރައްވަމުން ފައުޒީ ވިދާޅުވަނީ މިދުވަސްވަރު 350 އާއި 400 ޓަނުގެ މަސް ބޯޓުތަކުން ކިރުވަމުންދާ ކަމަށެވެ. އަދި މަސްވެރިން ބާނާ ހުރިހާ މަހެއް މިފްކޯއިން ގަންނާނެ ކަމަށެވެ.

