އަޕްގްރޭޑް ކުރުމަށް ފަހު މިފްކޯގެ ޖަޒީރާ 102 ތިނަދޫ ބަނދަރުގައި ފެލިވަރުގައި އަޕްގްރޭޑް ކުރުމަށް ފަހު މިފްކޯގެ ޖަޒީރާ 102 ތިނަދޫ ބަނދަރުން މަސް ގަންނަން ފަށައިފިއެވެ.
ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން މިފްކޯގެސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ ޖަޒީރާ 102 ތިނަދޫ ބަނދަރުގައި މިއަދު މަސް ގަންނަން ފަށައިވާއިރު އިތުރު 7 ބޯޓް އެ ސަރަހައްދުގައި މަސް ގަތުމުގައި ހަރަކާތްތެރި ވާނެ ކަމަށާއި ޖަޒީރާ ވެސް ހަރަކާތްތެރި ވާނީ އެ އިރެއްގައި މަސްވެރިކަން ރަނގަޅު ތާކު ބަނދަރު ކޮށް މަސްވެރިންނަށް ފަސޭހަވާނެ ގޮތަކަށް ކަމަށެވެ.
ސީއީއޯ ފައުޒީ އިތުރަށް ވިދާޅުވީ ޖަޒީރާ އިން ދުވާކަމަށް 100 ޓަނު އައިސް މަސް ގަނެވޭނެ ކަމަށާއި އޭގައި 300 ޓަނު ރައްކާތެރި ކަމާ އެކު ބެހެއްޓޭނެ ޖާގަ ހުންނާނެ ކަމަށެވެ.
“ޖަޒީރާ102 އަކީ ޕޯލެން ލައިން މަސްވެރިކަން ކުރާ ގޮތަށް ތައްޔާރު ކޮއްފައި އޮތް ބޯޓެއް. މިހާރު ގެނައި ބަދަލަކީ ރާއްޖޭގެ މަސްވެރިކަމާ ގުޅޭ ގޮތަށް މަސް ކިރުވައި ފިނި ކުރެވޭނެ ނިޒާމު ހެދުން. އެގޮތުން 6 ގަޑި އިރުން ފިނި ކުރެވޭނެ ނިޒާމެއް ވަނީ އޭގައި ގާއިމް ކޮއްފަ” މިފްކޯ ގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވިއެވެ.
ފައުޒީ ވިދާޅުވީ މިދުވަސްކޮޅު ދުވާލަކަށް 350 އާއި 400 ޓަނު މަސް ކިރުވާ ކަމަށާއި މިދުވަސްވަރު މަސްވެރިން ބާނާ ހުރިހާ މަހެއް ވެސް މިފްކޯ އަށް ގަންނަކަމަށެވެ. އެގޮތުން ބޮޑު ބޯޓު ފަހަރުތަކުގެ އިތުރުން ކުދި ބޯޓުތައް ވެސް އެކި ބަނދަރު ތަކުގައި މަސް ގަތުމަށް ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

