ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ތަރައްގީކުރި ހިޔާ ފްލެޓްތަކަށް ކަރަންޓް ދީފައިވާ ކަމަށް އެޗްޑީސީއިން ބުނެފިއެވެ.
އެގޮތުން ޗައިނާގެ ސީއެމްއީސީ ކުންފުނިން ކަރަންޓު ސަޕްލައިކުރުމުގެ މަސައްކަތް މިއަދު ނިންމާލައިފައިވާ ކަމަށް އެޗްޑީސީ އިން ބުނެއެވެ.
އެޗްޑީސީއިން ބުނީ 7،000 ފްލެޓަށް ކަރަންޓް ސަޕްލައިކުރުމުގެ މަސައްކަތްކޮށްފައި ވަނީ ސްޓެލްކޯގެ އެހީއާއެކު ކަމަށާއި ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނައިރު، ކަނެކްޝަންތަކުގެ މަސައްކަތް އެކީ ނިންމައިލެވޭނީ އަންނަ މަހުގެ 17 ވަނަ ދުވަހު ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
ހިޔާ ފްލެޓަށް ކަރަންޓް ދިނުމުގެ މަސައްކަތުގެ ސްޓެލްކޯއިން ކުރަންޖެހޭ މަސައްކަތްތައް ވެސް ވަނީ ނިންމާލާފައެވެ. އަދި ހިޔާ ފްލެޓަށް ފެނާއި ނަރުދަމާ ކަނެކްޝަން ވެސް ވަނީ ގުޅައިނިމިފަ އެވެ. މީގެ އިތުރުން ހިޔާ މަޝްރޫއުގައި 16 ޓަވަރު އިމާރާތް ކޮށްފައިވާއިރު ކޮންމެ ޓަވަރަކަށް އެއް ޓްރަންސްފޯމަރާއެކު އިތުރު ޓްރާންސްފޯމަރެއް ވެސް ހިމެނޭ ގޮތަށް ޖުމްލަ 17 ޓްރާންސްފޯމަރު ސީއެމްއީސީން ވަނީ ބަހައްޓާފައެވެ
.ހިޔާ ފްލެޓް ތަކުގެ ފިނިޝިންގެ މަސައްކަތް ކުރުމަށް ތިންމަސް ދުވަހުގެ މުއްދަތެއް ދީފައިވާ އިރު، މި ތިން މަސްދުވަހުގެ މުއްދަތު ގުނަން ފަށާނީ ކަރަންޓު ދޭ ދުވަހުން ފަށާއިގެން ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.

