މިރޭ ފެށުމަށް ހަމަޖެހިފައިވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފޯރިގަދަ މެޗުތައް މީޑިއާނެޓުން ބަލާލެވޭނެ ކަމަށް އެކުންފުނިން އަންގައިފިއެވެ.
މީޑިޔާ ނެޓުން ބުނާގޮތުގައި ޗެނަލް ނަންބަރު 881، “ސޮނީ ޓެން 1 އެޗްޑީ” އާއި ޗެނަލް ނަންބަރު 892 “ސޮނީ ޓެން 2 އެޗްޑީ” އިން އެ ލީގުގެ މެޗުތައް ވަގުތުން ބަލައިލެވޭނެއެވެ.
އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ޗެމްޕިއަންސް ލީގުގެ ފޯރިގަދަ މެޗުތައް ބަލާލުމަށް ގިނަ ބަޔަކު ދަނީ އިންތިޒާރުކުރަމުންނެވެ. ހާއްސަކޮށް ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމް، ރެއާލް މެޑްރިޑާއި، ގިނަ ތަރިންތަކެއް ހިމެނޭ ޕީއެސްޖީ ބައްދަލުކުރާ މެޗު ބަލަން ސަޕޯޓަރުން ތިބީ ކެތްމަދުވެފައެވެ.
މި މެޗުގައި ރެއާލާ ވާދަވެރި ބާސެލޯނާއަށް ކުރިން ކުޅުނު މެސީ، ޕީއެސްޖީގެ ޖޯޒީގައި އެ ޓީމާ ދެކޮޅަށް ކުޅޭނެއެވެ. އަދި، ރެއާލް މެޑްރިޑުގެ ކެޕްޓަނުގެ ގޮތުގައި ތިން ފަހަރު މި މުބާރާތް ކާމިޔާބުކުރި ސާޖިއޯ ރާމޯސް އެ ޓީމާ ވާދަކުރާ ފުރަތަމަ ފަހަރު ވެސްމެއެވެ.
މީގެއިތުރުން އިޓަލީގެ ޗެމްޕިއަން އިންޓަ މިލާނާއި، 19/20 ސީޒަނުގެ ޗެމްޕިއަން ލިވަޕޫލް ވާދަކުރާ މެޗަކީވެސް ވަރަށް ވާދަވެރި ފޯރިގަދަ މެޗަކަށް ވެގެންދާނެއެވެ.
މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ވެސް ފޯރިގަދަ މެޗުތަކެއް ވަނީ ތާވަލުކުރެވިފައެވެ.
މީޑިއާނެޓުގެ ހިދުމަތް ހޯއްދަވާ ފަރާތްތަކަށް މިމެޗުތައް އެމްއެސްޓީވީ ނުވަތަ އެމްއެސް ލައިޓް މެދުވެރިކޮށް ބަލައިލެވޭނެއެވެ. އަދި މީޑިއާނެޓުގެ އެމްއެސް އެޕް މެދުވެރިކޮށް ފޯނުން ވެސް ބަލައިލެވޭނެއެވެ.
ފޯރިގަދަ މެޗެއް ނުބަލާ ދޫކޮށްލެވިއްޖެ ނަމަ، “ސްޓާޓް އޯވާ” ނުވަތަ “ކެޗް އަޕް” ފީޗާ މެދުވެރިކޮށް އަލުން ބަލައިލުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.

