ކޮވިޑް 19ގެ އިތުރު ރާޅެއް ނަގައި މޮނިޓަރިންގ ހާލަތުގެ ސަބަބުން ގދ.ތިނަދޫ ބަނދަރުމަތީގެ ހުރިހާ ވިޔަފާރިއެއް ދަށަށް ގޮސް ލިބެމުންދިޔަ އާމްދަނީ އެއްކޮށް ދަށަށް ގޮސްފައިވާކަމަށް ރަށުގެ ވިޔަފާރިވެރިން ބުނެފިއެވެ.
ތިނަދޫގެ ބަނދަރު ސަރަހައްދުގައި ވިޔަފާރި ހިނގަމުންދާ ބައެއް ވިޔަފާރިވެރިން އެމީހުންގެ ކަންބޮޑުވުން “ހުވަދޫ ނިއުސް” އާއި ޙިއްސާ ކުރަމުން ބުނީ އެމީހުންގެ ވިޔަފާރިގެ 80 އިންސައްތަ އަކީ ފެރީތަކުން ރަށަށް އަންނަ މީހުން ކަމަށާއި ކޯވިޑް-19ގެ ޙާލަތާ ގުޅިގެން އަޅާފައިވާ ރަށަށް އަރާފޭބުން މެދުކަނޑާލާފައިވާ ފިޔަވަޅު ސަބަބުން މުޅި ވިޔަފާރި ހުއްޓުވުމަކަށް ގޮސްފައި ވާކަމަށެވެ.
ނަން ހާމަ ކުރަން ބޭނުންނުވާ ވިޔަފާރިވެރިޔަކު ބުނީ މޮނިޓަރިންގ ހާލަތުގައި ތިނަދޫ އޮތް ނަމަވެސް މުޅި ރަށް ސިފަވަނީ އާންމު ޙާލަތަށް ގެނެވިފައިވާ ރަށެއްގެ ގޮތުގައި ކަމަށާއި ހުއްޓުން އަރުވާފައިވާ ބައެއްގެ ގޮތުގައި ފެންނަނީ ފެރީތައް އެކަނި ކަމަށެވެ.
ރަށުން ބޭރު މަސްވެރިން ވެސް އެކި ދިމަދިމާލުން އައިސް ބޭނުން ވަގުތަކު ރަށަށް އަރާ ބޭނުން ތަނެއްގައި އާންމު އުސޫލުން އުޅޭ. ހޮޓާތަކާ ސުކޫލްތައްވެސް ހުޅުވިފައި. އެކަމަކު ފެރީ ތައް ބަންދު. ޢަޖާއިބެއް. – އެމީހާ ބުންޏެވެ.
އެހެން ވިޔަފާރި ވެރިއަކު ބުނީ ރޯދަމަސް ކުޑަތަންވެފައި ވަނިކޮށް މިފަދަ ޙާލަތު ގެނެސްފައި އޮތުމަކީ ފޫ ނުބެދޭ ވަރުގެ ގެއްލުން ވާނެ ކަމެއް ކަމަށާއި މީގެ އަސަރު ދެން ކުރާނެ ބަޔަކީ އަތޮޅުތެރޭގެ މީހުން ކަމަށެވެ.
ތިނަދޫ އަކީ މުޅި އަތޮޅުގެ ވިޔަފާރި މަރުކަޒު. ތިނަދޫއަށް ވިޔަފާރި އާއި އެކިއެކި ބޭނުންތަކުގައި އަންނަން ބޭނުންވާނެ. ނަމަވެސް ދެކޮޅު ނުޖެހޭ ފިޔަވަޅެއްގައި އެންމެން މިތިބީ ތާށި ވެފައި. – ތިނަދޫ ބަނދަރުމަތީ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ މީހަކު ބުންޏެވެ.
ތިނަދޫއަކީ މުޅި އަތޮޅަށް އެކި ކަންކަމުގައި ވިޔަފާރި އާއި ޚިދުމަތް ދިނުމަށް ރަށުގެ ބަނދަރު ސަރަހައްދު ވަރަށް ގިނަ ބާވަތުގެ ވިޔަފާރި ހިންގާ ރަށެކެވެ. މި ހުރިހާ ވިޔަފާރިއަކުންވެސް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ އަތޮޅު ތެރެއިން ރަށަށް އަންން ދަތުރުވެރިންގެ ފަރާތުންކަން ފާހަގަ ކުރެވެއެވެ.
ތިނަދޫ މޮނީޓަރިންގ ހާލަތަށް ގެނެސް ރަށަށް އަރާ ފޭބުން މަނާކޮށްފައި ވާތާ މިހާރު 2 ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ

