ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބައްޕީ ލެހެރީ މަރުވެއްޖެއެވެ.
މިދިޔަ އަހަރު އޭޕްރީލްމަހު ކޮވިޑް-19އަށް ފައްސިވުމާއި ގުޅިގެން އުމުރުން 69 އަހަރުގެ ބައްޕީލެހެރީގެ ހާލު ދިޔައީ ދުވަހެއް ދުވަހެއް ގޯސްވަމުންނެވެ. އެހެންކަމުން މުމްބާއީގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ފަތިހުގެ ވަގުތެއްގައި ބައްޕީ ވަނީ މަރުވެފައެވެ.
ރިޕޯތްތައް ބުނާ ގޮތުގައި ބައްޕީ ލެހެރީއަށް ކޮވިޑް ޖެހިފަ ރަނގަޅުވީ ފަހުން އޭނައަށް ހިނގާ ބިނގާ އުޅުމުގައި ދަތިތަކެއް ކުރިމަތިވެ ފުރޮޅުލީ ގޮނޑިއެއްގައި އިންނަން ޖެހުނު ކަމަށާއި ޖޫހޫގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓުގައި ލިފްޓުވެސް ބަހައްޓަން ޖެހުނު ކަމަށެވެ.
ލަވަކިޔުމުގެ އިތުރުން ވަރަށް ގިނަ ލަވަ ހަދާފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާގެ ހާލު އިތުރަށް ގޯސްވެ އެއްކޮށް ބެޑް ރެސްޓުކުރަން ޑޮކްޓަރުން އޮތީ އިރުޝާދު ދެއްވާފައެވެ. ވަރަށް ގިނަ ބަލިތަކަށް ފަރުވާ ހޯދަމުންދިޔަ ބައްޕީ ލެހެރީގެ ހާލު ކުއްލިގޮތަކަށް ދެރަވެ އިއްޔެގެ ވަގުތެއްގައި އޭނާ ހޮސްޕިޓަލަށް ގެނެވުނެވެ. އެހެންނަމަވެސް ޑޮކްޓަރުން ފަރުވާ ދެމުންދަނިކޮށް އޭނާ މަރުވީއެވެ.
ބައްޕީ ލެހެރީއަކީ އަބަދުވެސް ގިނަ އަދަދެއްގެ ރަން ގަހަނާ އަޅައިގެން ހުންނަ ފެޝަނަށް ލޯބިކުރާ މީހެކެވެ. ގިނަ ބަޔަކު އޭނާ ފާހަނގަކުރަނީ އޭނާ އަޅާ ރަން ފަށްތަކާއި އަވި އައިނުތަކުންނެވެ. ބައްޕީ ލެހެރީ މީޑީޔާއަށް ދީފައިވާ އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ އެހާގިނަ ރަންފަށް އަޅަނީ އެސްފީނާއިން ސަލާމަތް ވުމަށް ކަމަށެވެ.
ބައްޕީ ލެހެރީގެ މަރު ވެގެންދިޔައީ މުޅި ބޮލީވުޑަށް ލިބުނު ވަރަށް ބޮޑު ފުން ހިތާމަޔަކަށެވެ. އެހެންކަމުން ބޮލީވުޑްގެ ގިނަ ފަންނާނުން ދަނީ މީސްމީޑިޔާ މެދުވެރިކޮށް ހިތާމަ ފާޅުކުރަމުންނެވެ.

