ބޭސްފަރުވާއަށް އިންޑިޔާއަށް ދިޔަ ދިވެހި އަންހެނަކު އިންޑިޔާއިން ހައްޔަރުކޮށްފިއެވެ.
އިންޑިޔާގެ ކޮޗީ އިންޓަރނޭޝަނަލް އެއަރޕޯޓުން ހައްޔަރުކުރި ދިވެހި އަންހެން މީހާއަކީ މިދިޔަ އަހަރު އިންޑިއާ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުން މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅުންހުރި މީހެއްކަމަށް އިންޑިޔާ ފުލުހުންވަނީ ހާމަކޮށްފައެވެ.
މިމައްސަލައިގައި ހައްޔަރުކުރެވުނީ ބ. އޭދަފުށީ، އާމިނަތު ރަޝީދާ ނަމަކަށް ކިޔާ އުމުރުން 58 އަހަރުގެ ދިވެހި އަންހެނެކެވެ.
އިންޑިޔާގެ ފުލުހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މުމްބާއީ މަގުން ރާއްޖެއަށް ހަތަރު ކިލޯގެ އޮޕިއަމް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައެވެ. އަދި މިއަންހެންމީހާއަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު 3.9 ކިލޯގެ އޮޕިއަމް އެތެރެކުރަން އުޅުނު މައްސަލައެއްގައި އިންޑިއާ ފުލުހުންގެ ސަމާލުކަމަށް އައި މީހެއް ކަމަށާއި އެމްއައިޑީސީ ޕޯސްޓް އޮފީހަށް ގެނެސްފައިވާ މަސްތުވާތަކެތި ހުރި ޕާރުސަލް އެޑްރެސްކޮށްފައިވަނީ ހައްޔަރުކުރި އަންހެން މީހާއަށް ކަމަށް އިންޑީޔާގެ ރިޕޯޓްތަކުގައި ބުނެފައިވެއެވެ.
މީގެއިތުރުން އިންޑިޔާގެ ކެރެލާގައި އުޅޭ އަރީފް ނަމަކަށް ކިޔާ މީހަކާއި އަލީ ނަމަކަށް ކިޔާ މީހަކު މަސްތުވާތަކެތި އާމިނަތު ރަޝީދާއަށް އެޑްރެސްކޮށްފައި ފޮނުވާފައިކަމުގެ ލިޔުންތައް އިންޑިޔާގެ ފުލުހުންގެ އަތުގައި އެބަހުރިކަމަށް ރިޕޯތްތަކުގައި ބުނެފައިވެއެވެ.
އެހެންނަމަވެސް ތަހުޤީގުގައި އެ މީހުން ބުނެފައި ވަނީ އެ މީހުންގެ ނަމާއި އެޑްރެސް ބޭނުންކޮށްފައި ވަނީ ސައްހަ ނޫން މައުލޫމާތު ބޭނުންކޮށްގެން އެހެން ބަޔަކު ކަމަށާއި މަސްތުވާތަކެއްޗާ އެ މީހުންނާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އެންސީބީން ބުނެފައި ވަނީ އަރީފާއި އަލީއާ މި މައްސަލާގައި ސުވާލުކުރުމަށް ފަހު، އެ މީހުންނާ ގުޅުމެއް ނެތް ކަމަށް ބެލެވޭތީ ދޫކޮށްލާފައިވާ ކަމަށެވެ.
އާމިނަތު ރަޝީދާ ހައްޔަރުކޮށް މިހާރު ވަނީ އިންޑިއާގެ މެޖިސްޓްރޭޓް ކޯޓަކަށް ހާޒިރުކޮށް ބަންދަށް ތިން ދުވަސް އިތުރުކޮށްފައެވެ.

