ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަނގަކުރުމުގެ ގޮތުން ޓޫރިޒަމް އަޕް ބީޓް ޓޯކް ޝޯގެ ނަމުގައި ސީރީޒެއް ފަށަން ތައްޔާރުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވީ މިސީރީޒްގެ ފުރަތަމަ ޝޯ ފަށަން ހަމަޖެހިފައިވަނީ މާދަމާ ކަމަށާއި މާދަމާ ރޭ ޝޯގައި ބައިވެރިވެ ވަޑައިގަންނަވާނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ބާނީން ކަމަށެވެ. އަދި ދެވަނަ ޝޯގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ އަންހެން ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް މިނިސްޓަރު ވަނީ ހާމަކޮށްފައެވެ.
ފަތުރުވެރިކަމުގެ ރަން އަހަރާއި ގުޅިގެން ހާއްސަ ސްޓޭމްޕެއް ނެރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މައުސޫމު ވިދާޅުވީ މިއަހަރު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ކުރިއަށް ރޭވިފައިވާ ކަމަށެވެ. އެގޮތުން އެންމެ ހާއްސަ ހަރަކާތެއްގެ ގޮތުގައި ޓޫރިޒަމް ކޮންވެންޝަން ކޮންފަރެންސެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް މައުސޫމް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ތިމާވެށީގެ ހަރަކާތްތަކާއި ތައުލީމީ ދާއިރާގެ ހަރަކާތްތައްވެސް މިއަހަރު ރޭވިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓްރީން ވަނީ ޖުމްލަ ހަ ސްޓޭމްޕެއް ނެރެފައެވެ. އެގޮތުން:
- 5 ރުފިޔާގެ ސްޓޭމްޕުގައި ދައްކުވައިދެނީ ރާއްޖޭގެ ފުރަތަމަ ރިޒޯޓުގެ މަންޒަރު
- 10 ރުފިޔާގެ ސްޓޭމްޕުގައި ފަތުރުވެރިންތަކެއް ކެނޯ ދުއްވާ މަންޒަރު
- 20 ރުފިޔާގެ ސްޓޭމްޕުގައި ދައްކުވައިދެނީ އެންމެ ފުރަތަމަ ރާއްޖޭގައި ހުޅުވި ޓޫރިޒަމް އިންސްޓިޓިއުޓުގެ މަންޒަރު
- 30 ރުފިޔާގެ ސްޓޭމްޕުގައި ސީޕްލޭނެއްގެ މަންޒަރު
- 40 ރުފިޔާގެ ސްޓޭމްޕުގައި ދައްކުވައިދެނީ މާފުށީގައި ހުޅުވި ފުރަތަމަ ގެސްޓު ހައުސްގެ މަންޒަރު
- 50 ރުފިޔާގެ ސްޓޭމްޕު ހާއްސަކޮށްފައިވަނީ ފަތުރުވެރިކަމުގެ ރަން އަހަރުގެ ލޯގޯއަށެވެ.
މިރަސްމިއްޔާތުގައި އެމްއެމްޕީއާރުސީގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ މިއަހަރުން ފެށިގެން ކޮންމެ އޮކްޓޯބަރު މަހެއްގެ ތިންވަނަ ދުވަހަކީ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ނިންމަވައިފައެވެ. މިނިސްޓަރު މައުސޫމް ވަނީ މިކަމާއި ގުޅިގެން ރައީސް ޞާލިހަށް ޝުކުރު އަދާކުރައްވައިފައެވެ.

