ބްރެޒިލްއަށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން މަރުވެއްޖެއެވެ.
ރިޕޯޓްތައް ބުނާގޮތުގައި ބްރެޒިލްގެ ރިއޯ ޑި ޖެނެއިރޯގައި ފެންބޮޑުވެ 94 މީހަކުވަނީ މަރުވެފައެވެ. އަދި ގިނަ އަދަދެއްގެ މީހުން ވީނުވީއެއް ނޭގި ވަނީ ގެއްލިފައެވެ.
ބްރެޒިލްގެ އޮފިޝަލަކާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ގެއްލުން ލިބުނު ސަރަހައްދުތައް ބަލާ ފާސްކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތް ގޮތުގައި ކުރިއަށް ދާއިރު، މަރުވި މީހުންގެ އަދަދު އިތުރުވެދާނެއެވެ.
ފާއިތުވީ އެއްމަސްދުވަސްތެރޭ ވެހުނު ކަމަށް ރިކޯޑް ކުރެވުނު އަދަދުގެ ވާރޭ އިއްޔެ އެކަނި ވެހުމުގެ ސަބަބުން ބްރެޒިލްގެ ރިއޯ ޑި ޖެނެއިރޯގައި އޮތީ ފެނުގެ އަޑީގައެވެ. އިއްޔެ އެކަނިވެސް އެޤައުމަށް ތިން ގަޑިއިރުގެ ތެރޭގައި 25.8 ސެންޓިމީޓަރު (10 އިންޗިއަށް ވުރެ ގިނަ) ވާރޭ ވެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މީސްމީޑިޔާގައި ދައުރުވަމުންދާ ވީޑީޔޯ އާއި ފޮޓޯތަކުން ފެންނަގޮތުގައި މޫސުން ގޯސްވުމުގެ ސަބަބުން އެސަރައްދުގެ ބިންގަނޑު ކަނޑައިގެން ގޮސް ފެން ފޭބުމުގެ ސަބަބުން ކާރުތަކާއި ގެތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ރިޕޯޓްތަކުގައި ބުނާގޮތުން އެސަރަހައްދުގައި 180 އަށް ވުރެ ގިނަ ސިފައިން ހަރަކާތްތެރިވަމުން އެބަގެންދެއެވެ. އަދި ހާލުގައި ޖެހިފައިވާ ފަރާތްތަކާއި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހާލުގައި ޖެހިފައިވާ މީހުންނަށް ވަގުތުން ވަގުތަށް އެއްބާރުލުން ދިނުމަށް ސަރުކާރަށް އަންގަވާފައިވާ ކަމަށެވެ.

