ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ޖިންސީގޯނާގެ ދައުވާތަކާއި ގުޅިގެން އަލީ ވަހީދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ކުރުމަށް ބައިނަލްއަގުވާމީ އެޖެންސީތަކާއި ގުޅިގެން މަސައްކަތް ފަށައިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިދިޔަ ޖެނުއަރީމަހު 27 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގެ އިގިރޭސި ކޮޕީއެއް ފުލުހުންނަށް ވަނީ ލިބިފައެވެ. އެހެންކަމުން އެއަމުރުގެ އިގިރޭސި ކޮޕީ ބޭނުންކޮށްގެން ފުލުހުން ދަނީ ބޭރު ޤައުމުތަކުގެ އެޖެންސީތަކާއި ގުޅިގެން އަލީ ވަހީދު ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.
ފުލުހުން ވިދާޅުވީ ކޯޓު އަމުރުގެ އިގިރޭސި ކޮޕީ އެޖެންސީތަކަށް މިހާރު ފޮނުވާފައިވާނެ ކަމަށެވެ.
އަލީ ވަހިދުގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތްތަކެއް ކުރެވި މައްސަލަ ބަލަމުންދަނިކޮށް އަލީ ވަހީދު ވަނީ މިދިޔަ އަހަރު ފެބްރުއަރީމަހު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައެވެ. އޭގެ ފަހުން ރާއްޖެ ވަޑައިނުގަންނަވައެވެ.
އަލީވަހީދު ރާއްޖޭން ބޭރަށް ފޮނުވާލުމުގައި ޖާމިނުވި އައްސަދު އަލީ (އަޑުބަރޭ) ކޯޓަށް ޔަގީންކަން ދީފައި ވަނީ ހަތަރު މަސް ފަހުން އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދޭނެ ކަމަށެވެ. ނަމަވެސް އެމުއްދަތުގައި އެނާ ކޯޓަށް ހާޒިރުނުވުމުން ކޯޓުންވަނީ އައްސަދު 15 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފައެވެ. މިއާއިއެކު އަޑުބަރޭ ވަނީ މަޤާމުން ވަކިކޮށްފައެވެ.
ކޯޓަށް ހާޒިރުވުމަށް ކްރިމިނަލް ކޯޓާއި ސުޕްރީމް ކޯޓުން އެންގުމުން ވެސް އަލީވަހީދު ކޯޓަށް ހާޒިރުވެފައި ނުވާތީ ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށް ނިންމަވާ އަލީ ވަހީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަން ކްރިމިނަލް ކޯޓުން ވަނީ ފުލުހުންގެ މައްޗަށް އަމުރުކުރައްވާފައެވެ.

