ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހުވަދު އަތޮޅުގެ ތިން ރަށެއްގައި ޒަމާނީ ފެންވަރެއްގައި މަގު ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ގދ ގައްދޫގެ މަގުހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައިވާއިރު، ތިނަދޫ މަގު ހެދުމަށް ބޭނުންވާ ރޯމެޓީރިއަލްސްގެ ފުރަތަމަ ޝިޕްމަންޓް މިހާރުވަނީ ގެންގޮސްފައެވެ. އަދި ގއ ކޮލަމާފުށީ މަގުހެދުމުގެ މަސައްކަތަށް ބޭނުންވާ ސަރވޭގެ މަސައްކަތް ނިމި މިހާރު ވަނީ މަސައްކަތަށް ބޭނުންވާ ދިވެހި މުވައްޒަފުން ހޯދުމަށް އިއުލާން ކޮށްފައެވެ.
އެގޮތުން އާރްޑީސީއިން ގައްދޫގައި ހިންގަމުންދާ އެރަށުގެ މަގުހެދުމުގެ ޕްރޮޖެކްޓަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މަޝްރޫއުއެކެވެ. މިމަޝްރޫއުގެ ދަށުން ގައްދޫގެ 6 މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިގެންދާނެއެވެ. މިމަޝްރޫއުގެ ދަށުން މަގު ބައްތި ހަރުކުރުމާއި މަގުބައްތިއަށް ބޭނުންވާ ކަރަންޓު ކޭބަލް އެޅުންވެސް ހިމެނެއެވެ.

އާރްޑީސީއިން ގދ ގައްދޫގައި ތަރައްގީ ކުރަމުންދާ މަގުތަކުގެ މަސައްކަތުގެ ތެރެއިން– ފޮޓޯ: އާރްޑީސީ
31 ޑިސެމްބަރ 2019 ގައި އާރްޑީސީއިން ސޮއިކުރި މިމަޝްރޫއު އާރްޑީސީއާ ހަވާލުކޮށްފައިވަނީ 138،738،153.41 މިލިއަން ރުފިޔާއަށް 751 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އާރްޑީސީއިން ގދ ގައްދޫގައި ތަރައްގީ ކުރަމުންދާ މަގުތަކުގެ މަސައްކަތުގެ ތެރެއިން– ފޮޓޯ: އާރްޑީސީ
އާރްޑީސީއިން ގދ ތިނަދޫގައި ހިންގަމުންދާ ތިނަދޫ މަގުހެދުމުގެ ފޭސް 2 ގެ މަޝްރޫއުއަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދާ މަސައްކަތެކެވެ. މިމަޝްރޫއުގެ ދަށުން 6.55.81 ކިލޯމީޓަރުގެ 15 މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިގެންދާނެއެވެ. މިމަޝްރޫއުގެ ދަށުން މަގު ބައްތި ހަރުކުރުމާއި މަގުބައްތިއަށް ބޭނުންވާ ކަރަންޓު ކޭބަލް އެޅުންވެސް ހިމެނެއެވެ. އަދި މިމަގުތައް ތަރައްގީކުރާއިރު ތިނަދޫއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ޒަމާނީ ހައްލެއް ލިބިގެންދާނެ ކަމަށްވެސް އާރްޑީސީއިން ވިދާޅުވިއެވެ.

ތިނަދޫ މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރަނީ — ފޮޓޯ: އާރްޑީސީ
08 އެޕްރީލް 2021 ވަނަ ދުވަހު ސޮއިކުރި މި މަޝްރޫއު އާރްޑީސީއާ ހަވާލުކޮށްފައިވަނީ 78،8000،871.14 މިލިއަން ރުފިޔާއަށް 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ތިނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތަށް ބޭނުންވާ ބައެއް ރޯމެޓީރިއަލްސް ތިނަދޫއަށް ގެނެސްފައި – ފޮޓޯ: އާރްޑީސީ
އަދި ގއ ކޮލަމާފުށީގައި އާރްޑީސީއިން ޑިޒައިން އެންޑް ބިލްޑް އުސޫޅުން ކުރިއަށްގެންދާ އެރަށުގެ މަގުހެދުމުގެ މަޝްރޫއުގެ ދަށުން ކޮލަމާފުށީ 14 މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެެވެ. މިމަޝްރޫއުގެ ދަށުން މަގުބައްތި ހަރުކުރުމާއި މަގުބައްތިއަށް ބޭނުންވާ ކަރަންޓު ކޭބަލް އެޅުންވެސް ހިމެނެއެވެ.

ކޮލަމާފުށި މަގުހެދުމުގެ މަޝްރޫއުގެ ސަރވޭގެ މަސައްކަތް އާރްޑީސީއިން ކުރަނީ – ފޮޓޯ: އާރްޑިސީ
20 ޖެނުއަރީ 2022 ގައި ސޮއިކުރި މިމަޝްރޫއު އާރްޑީސީއާ ހަވާލުކޮށްފައިވަނީ، 85،329.687.67 މިލިއަން ރުފިޔާއަށް 451 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

