ބޭންކް އޮފް މޯލްޑިވެސްގެ އޭޓީއެމްގެ ޚިދުމަތް ލ.މާމެންދޫއަށް ތާރަފްކޮށްފިއެވެ.
ބީއެމްއެލްއިން ހާމަކުރި ގޮތުގައި ލ. މާމެންދޫއިން މިހާރު ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ހިދުމަތް ލިބިގެންދާނެއެވެ.
މާމެންދޫގައި ޤާއިމުކުރެވިގެންދިޔަ އޭޓީއެމް ޚިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ.
ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމުގެ ސްޓްރެޓަޖީގެ ދަށުން ރާއްޖޭގެ އެކި ރަށްރަށަށް ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމަށް އެ ބޭންކުން އިންވެސްޓް ކުރަމުންދާނެކަމަށެވެ.
އެގޮތުން ލ.ފޮނަދޫ، މާވަށު އަދި ގަމުގައި ސެލްފް ސަރވިސް ބޭންކިންގ ހިދުމަތް ބީއެމްއެލް އިން ދަނީ ދެމުންނެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 78 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 136 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

