ގދ ތިނަދޫ ގައި ހުންނަ ޑރ ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މަޝްރޫއުގެ މަސައްކަތުގެ 82 ޕަސެންޓް ނިމިއްޖެ ކަމުގައި މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީ އިން ހާމަ ކޮއްފިއެވެ.
އެ ކުންފުނީގެ އޮފިޝަލް ފޭސްބުކް ޕޭޖްގައި ބުނެފައިވަނީ ގދ ތިނަދޫ ގައި ހުންނަ ޑރ ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މަޝްރޫއުގެ މަސައްކަތުގެ 82 ޕަސެންޓް ނިމިއްޖެ ކަމަށާއި އަލަށް ހަދާ އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތުގެ 99 ޕަސެންޓް މަސައްކަތް ވެސް ނިމިފައިވާކަމަށެވެ.
ސަރުކާރުގެ ބަޖެޓުން 33.5 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން، ހޮސްޕިޓަލުގެ އޯޕީޑީ އާ އިމާރާތެއް އެޅުމާއި، ވިއްސާ ކޮޓަރި ހުންނަ އިމާރާތް އެޅުމާއި، އިމަރޖެންސީ ރޫމް އިމާރާތް ރެނޮވޭޓް ކުރުމުގެ މަސައްކަތް ހިމެނެއެވެ.
ހުވަދު އަތޮޅުގެ ސަރަހައްދީ ހޮސްޕިޓަލް ކަމުގައިވާ ޑރ ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް(ޑީއޭއެސްއެޗް) އިތުރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ބޮޑެތި ހޭދަ ތަކެއް ކުރައްވަމުން ދާއިރު ތިނަދޫ ގައި ޓަރޝިއަރީ ހޮސްޕިޓަލެއް ވެސް ވަނީ ނިންމާފައއެވެ. މި ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ބިމެއްގެ ގޮތުގައި ތިނަދޫ ސްޓޭޑިއަމްގެ ހުޅަނގު އުތުރު ސަރަހައްދު ވަނީ ހަމަޖައްސާފައެވެ. ނަމަވެސް އެ ބިމުގެ ބައެއްގައި ހުރި ހަރުގެ އިމާރާތާއި ބަންނަމުންދާ ދޯންޏެއް ނުނިމި ބިން ހުސްނުވާތީ ވަނީ މަސައްކަތުގެ އެއްވެސް ކަމެއް އަދި ނުކުރެވިފައެވެ.
ދާދިފަހުން ވަނީ ތިނަދޫ ޓަރޝިއަރީ ޑިޒައިން ކުރީގައި ދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކޮށްފައެވެ. ތިނަދޫގައި ޓަރޝިއަރީ ހޮސްޕިޓަލެއް އެޅުމަކީ މި ސަރުކާރުގެ ބޮޑު ވަޢުދެކެވެ.

