ފުލުހުން ހޯދަން އާންމުކުރި ފިރިހެން ކުށްވެރިއެއްގެ ފޮޓޯ ސޯޝަލް މިޑިޔާގައި ވައިރަލްވެ، ގިނަ އަދަދެއްގެ އަންހެން ކުދިންގެ ސަމާލުކަން މިފޮޓޯއަށް ހުއްޓި، އެކުދިންގެ ހިތް ކުށްވެރިޔާ ވަނީ ފަތަޙަކޮށްފައެވެ.
ވައްކަންކުރުމުން ހުކުމްކޮށް ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ފިލާފައިވާ ކުށްވެރިއަކު ހޯދުމަށް، އިނގިރޭސި ވިލާތުގެ ވެސްޓްޔޯކްޝިޔަރ ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދި، މީހެއްގެ ފޮޓޯ އަދި މަޢުލޫމާތު މީޑިޔާއާއި ހިއްސާކުރެއެވެ. ނަމަވެސް، ހީވެސް ނުކުރާގޮތަކަށް، މި ކުށްވެރިޔާގެ ފޮޓޯ ސޯޝަލް މީޑިޔާގައި ވައިރަލްވެ، ގިނަ އަންހެން ކުދިންގެ ސަމާލުކަން ކުއްވެރިޔާގެ ފޮޓޯއަށް ހުއްޓި، ވަރަށްބޮޑު މަޤްބޫލުކަމެއް ކުއްވެރިޔާއަށް ވަނީ ލިބިގެން ގޮސްފައެވެ.

ޖޮނަތަން ކަހިލް – ފޮޓޯ: ވެސްޓްޔޯކްޝިޔަރ ފޮލިސް
ފުލުހުން އާންމުކުރި ޕޯސްޓުގައިވާ ފަރާތަކީ، އުމުރުން 37 އަހަރުގެ ޖޮނަތަން ކަހިލް، ކިޔާ ފިރިހެނެކެވެ. ވައްކަމުގެ ކުށް ސާބިތުވެ، ހުކުމްކޮށް، ހުކުމުގެ ދެބައިކުޅަ އެއްބައި ޖަލުގައި ތަންފީޒުކުރުމަށް ފަހު، ވަކި ޚާއްސަ ހުއްދައެއްގެ ދަށުން އޭނާ ވަނީ ޖަލުން ނެރެފައެވެ. ނަމަވެސް އެއްބަސްވެފައިވާ ޝަރުޠުތަކަށް ޢަމަލުނުކޮށް އޭނާވަނީ ފިލާފައެވެ. ކަހިލް އަލުން އަބުރާ ފުލުހުންނާއި ޙަވާލުވުމަށް އެންގުމާއިއެކު، އޭނާގެ އެއްވެސް މަޢުލޫމާތެއް އެނގޭ އެއްވެސް ފަރާތެއް ވާނަމަ، އެމަޢުލޫމާތު ފުލުހުންނާއި ހިއްސާކޮށް، ކަހިލް ހޯދުމަށް ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިޕޯސްޓުގައި އެދިފައިވެއެވެ.
ފުލުހުންގެ މިޕޯސްޓުގައި ކަހިލްގެ ފޮޓޯއާއި އެކު، އޭނާގެ ސިފަތަށްވެސް ހިމަނާފައި ވެއެވެ. މިގޮތުން، ކަހިލް އަކީ، އިސްކޮޅުގައި 6 ފޫޓް ހުންނަ، ބޮޑީ ބިލްޑަރެކޭ އެއްފަދަ ހަށިގަނޑެއް ލިބިފައިވާ މީހެއްގެ ގޮތުގައި ސިފަކޮށްފައި ވެއެވެ. މިޕޯސްޓުގައި ފުލުހުންނާއި މަޢުލޫމާތު ހިއްސާކުރުމަށް ގުޅޭނެ ނަންބަރުތައްވެސް ހިމެނިފައި ވެއެވެ.
ގިނަ އަދަދެއްގެ ޒުވާން އަންހެންކުދިން ސޯޝަލް މީޑިޔާގައި ކަހިލް ހޯދުމަށް ފުލުހުން މީޑިޔާގައި ހިއްސާކޮށްފައިވާ ޕޯސްޓް، ޝެއަރކޮށް ތަފާތު ކޮމެންޓް ކޮށްފައިވެއެވެ. ގިނަ އަދަދެއްގެ ޒުވާން އަންހެންކުދިން، ކަހިލްގެ ފޮޓޯ ފެނި، އެނާގެ ރީތިކަން ފެނި އޭނާއަށް ހިތްކިޔާކަމުގައި ފޮޓޯ ޝެއަރކޮށްފައިވާ ގިނަ އަންހެންކުދިން ބުނެފައިވެއެވެ. ފުލުހުންގެ އިތުރުން އެތަކެއް ސަތޭކަ ޒުވާން އަންހެން ކުދިން އަންނަނީ ކަހިލް ފެނޭތޯ މަސައްކަތް ކުރަމުންނެވެ.
ކަހިލްގެ ފޮޓޯ ޝެއަރ ކުރަމުން، ބައެއް އަންހެން ކުދިން ސޯޝަލް މީޑިޔާގައި ބުނެފައިވާގޮތުގައި، އެމީހުންގެ ގޭގެ ދޮރު އަބަދުވެސް ކަހިލް އަށް ހުޅުވިފައި ހުންނާނެއެވެ. އަދި ބައެއް އަންހެން ކުދިންގެ ސްޓޭޓަސްގައި ޖަހާފައިވާ ގޮތުގައި، ފުލުހުން ބިޑި އަޅުވައި ކަހިލް ޖަލުގައި ބަންދުކުރުމުގައި ބަދަލުގައި، ކަހިލް ބިޑިއަޅުވައި އެމީހުންގެ ނިދާކޮޓަރީގައި ބަންދުކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިފައި ވެއެވެ.
ފުލުހުން ކަހިލް ހޯދުމަށް މީޑިއާގައި ހިއްސާކުރި ފޮޓޯއިން ވަރަށްބޮޑު މަޝްހޫރުކަމެއް ޖޮނަތަން ކަހިލް އަށް ވަނީ ލިބިގެން ގޮސްފައެވެ. އެތަށް ސަތޭކަ އަންހެން ކުދިން އަންނަނީ ކަހިލް ހަމަލޮލުން ބަލާލައި، ބައްދަލުކުރުމުގެ ފޮނި އުންމީދު ކުރަމުންނެވެ. އަދި ކަހިލްގެ ފޮޓޯ ވަނީ، ގިނަ އަންހެން ކުދިންނެއްގެ ހިތް ފަތަހަކޮއްފައެވެ. މިއީ މިފަދަ ގޮތަކަށް ކުއްވެރިޔަކު މިފަދަ ޕޯސްޓަކުން މަޝްހޫރުކަން ހޯދާފައިވާ ފުރަތަމަ ފަހަރެވެ.

