ގދ ތިނަދޫ ފްލެޓްތަކުގެ ތެރެއިން، ފްލެޓް ނަންބަރު 5 ގެ އެއްވެސް އެޕާޓްމަންޓަކަށް ފެން ނުލިބޭތާ ދެދުވަސް ވެއްޖެކަމަށް ފްލެޓްތަކުގައި ދިރިއުޅޭ މީހުން ބުނެފިއެވެ.
5 ނަންބަރު ފްލެޓްގެ އެޕާޓްމަންޓެއްގައި ދިރިއުޅޭ މީހަކު ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ބުނީ، އެފްލެޓްގެ އެއްވެސް އެޕާޓްމަންޓަކަށް ފެން ނުލިބޭތާ މިހާރު ދެދުވަސް ވެއްޖެ ކަމަށާއި، އެކަމަކީ އާންމުކޮށް ކޮންމެ ހުކުރު ހޮނިހިރު ދުވަހާ ދިމާވާ ކަމެއް ކަމަށެވެ.
ހުކުރު ދުވަހުގެ ހެނދުނުން ފެށިގެން އަދި ފެން ނުލިބޭ. ހުކުރު ހޮނިހިރު ދުވަހަކީ ބަންދު ދުވަސް ކަމަށްވެފައި އާއިލާ އެކުގަ ގޭގައި ވަގުތު ހޭދަކުރާ ދުވަސްތަކަށް ވުމުން ފެން ނުލިބުމުގެ ސަބަބުން ޒަރޫރީ ބޭނުންތައް ކުރެވޭނެ ގޮތެއް ނެތި 16 އާއިލާއަށް މި އުނދަގޫ ކޮންމެ ހަފްތާއަކު ކުރިމަތިވޭ. އެމީހާ ބުންޏެވެ.
ތިނަދޫ ކައުންސިލްގެ ފަރާތުން ހަދާފައިވާ ފްލެޓް ކޮމިއުނިޓީ ވައިބަރ ގްރޫގައި އާއިލާތަކުން އެކަމުގެ ޝަކުވާ ކުރި ނަމަވެސް ކަމާބެހޭ އެއްވެސް ފަރާތަކުން ރައްޔިތުން ކުރާ މެސެޖްތަކަށް ޖަވާބެއް ނުދެއްވާ ކަމަށްވެސް އޭނާ ބުންޏެވެ. ތިނަދޫ ކައުންސިލް މެމްބަރުން ވެސް މި ވައިބަރ ގްރޫޕްގައި ތިބެއެވެ.
ތިނަދޫގައި ހަދާފައިވާ ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތަކުން އަބަދުވެސް އެތަނުގައި ހުރި ދަތިތަކާއި މައްސަލަތަކުގެ ވާހަކަ ދައްކައެވެ. ފެން ނުލިބުމުގެ މައްސަލައަކީ އެގޮތުން ފާހަގަކޮށްލެވޭ ކަމެކެވެ. އަދި ސީލިންގ އިން ފެން ލީކުވާ ވާހަކަވެސް އާންމުކޮށް ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތަކުން ދައްކައެވެ.

