ދިވެހިރާއްޖޭގައި ދީނީ ގޮތުން ހައްދު ފަހަނައަޅައި ދިޔުމުގެ ބިރުއޮތްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޅ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފެލިވަރަށް ކުރެއްވި ޒިޔާރަތުގައި އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އޭޝިއާ، ޔުނައިޓެޑް ނޭޝަންސް އެންޑް ދި ކޮމަންވެލްތު، ލޯރޑް (ޠާރިޤް) އަހްމަދު އޮފް ވިމްބްލްޑަން، ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ބައްދަލުކުރެއްވިއެވެ.
ރައިސް ވިދާޅުވިގޮތުގައި ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނައަޅައި ދިޔުމުގެ ބިރު އެބައޮތެވެ. އަދި 6 މޭ، 2021 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެވުނު ޓެރަރިސްޓް ޙަމަލާއަކީ “ހޭވެރިކަން ގެނުވި” ހާދިސާއެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.
އެހާދިސާއިންވެސް އެގިގެންދަނީ ރާއްޖޭގައި ދީނީ ގޮތުން ހައްދު ފަހަނައަޅައިދާކަމުގެ ހެކިކަމަށް ރައީސް ފާހަނގަކުރެއްވިއެވެ.
ދިވެހިރާއްޖޭގައި އަންހެނުންނާއި ކުޑަކުދިންގެ ހައްޤުތައް ހިމާޔަތްކުރެއްވުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި ދިވެހިރާއްޖޭގައި ޤާއިމްކޮށްފައިވާ އިނގިރޭސިވިލާތުގެ ކޮމިޝަންގެ ފަރާތުން ފޯރުކޮށްދެއްމުންދާ ޚިދުމަތްތަކަށް ޝުކުރުއަދާކުރާ ކަމަށެވެ.
އެގޮތުން ދިވެހިރާއްޖޭގައި އަންހެނުންނާއި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށް ކުރަންޖެހިފައިވާ މަސައްކަތްތަކާއި، އެ ރޮނގުން ހޯދިފައިވާ ކުރިއެރުންތައް ރައީސް ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި އިގްތިސާދީ ހަރަކާތްތައް ފުޅާކުރުމަށްޓަކައި ދިވެހިރާއްޖެއިން ބޭރުކުރާ ކަނޑުމަހަށް ނަގާ ޑިއުޓީ ކުޑަކުރުމާ ބެހޭގޮތުންވެސް ވާހަކަ ދެކެވުނެވެ. އަދި ރާއްޖޭގެ މޫސުމާއި ބެހޭގޮތުން މިބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ. އެގޮތުން މޫސުމީ ބަދަލުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުގެ މައްޗަށްވެސް އަލިއަޅުވާލެވުނެވެ.
މި ބައްދަލުވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ފެލިވަރުގެ އައު ކޯލްޑް ސްޓޯރޭޖް ޤާއިމުކުރާ ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށްދާ ތަނަށް ޒިޔާރަތްކުރައްވައި އެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލައްވާފައެވެ.

