ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރުމަށް ޖާމިނުވުމުގެ ސަބަބުން ކްރިމިނަލް ކޯޓުން ޖަލުހުކުމެއް އިއްވާފައިވާ ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) މިއަދު އެނބުރި ރާއްޖެ އަތުވެއްޖެއެވެ.
މިމަހު 2 ވަނަ ދުވަހު އަޑުބަރޭއަށް 15 ދުވަހުގެ ޖަލުހުކުމެއް އިއްވާފައިވަނި އަލީ ވަހީދު ކޯޓަށް ހާޒިރުކުރުމަށް އަމުރުކުރުމުންވެސް އަލީ ވަހީދު ރާއްޖެ އެނބުރި ވަޑައިގެންފައިނުވާތީއެވެ. މިހުކުމް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ އަޑުބަރޭގެ ޣައިރު ހާޒިރުގައެވެ.
މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތްކުރެވޭ އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓައި އޭނާ ރާއްޖެއިން ބޭރަށް ފުރުން މަނާކޮށްފައި ވަނިކޮށް އެއަމުރު މުރާޖައާކޮށް އޭނަގެ ޕާސްޕޯތް ވަނީ ދޫކޮށްލާފައެވެ. އަދި އަޑުބަރޭ ޖާމިނުވާ ގޮތަށް އަލީ ވަހީދު ވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާފައެވެ. އެހެންނަމަވެސް އޭގެ ފަހުން އަލީ ވަހީދު ރާއްޖެ ނާދެއެވެ.
އަޑުބަރޭ ރާއްޖެއިން ފުރައިގެން ދިޔައީ އޭނާ ކޯޓަށް ހާޒިރުވުމުގެ އަމުރު ނެރެފައި އޮއްވައެވެ. އެކަމަކު އޭނާ ފުރުން މަނާކުރުމުގެ އަމުރެއް ނުނެރެއެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އަލީ ވަހީދު ގެންނަން އަސްހަދު ކުރި މަސައްކަތެއް އެނގެން ނެތް ކަމަށާއި 72 ގަޑިއިރުގެ ތެރޭގައި އަލީ ވަހީދު ރާއްޖެ ނުގެނައުމަކީ ކޯޓުގެ އެންގުމަކާ ޚިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުން ކަމަށެވެ. އެހެންކަމުން އޭނާއަށް ވަނީ ޖަލުހުކުމެއް އިއްވާފައެވެ.

