ގއ.ކަނޑުހުޅުދޫއިން ދޫކުރުމަށް އިއުލާންކޮށްފައިވާ ގޯތިތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ މެދުގައި ގޯތި ހަވާލުކުރުމަށް ބާއްވާ ގުރުއަތުލުން މިއަދު އޮންނާނެއެވެ.
ކަނޑުހުޅުދޫ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނާ ގޮތުން އެރަށުން ގޯތި ބޭނުންވެގެން ކުރިމަތިލާފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން މިއަދު އޮންނާނެއެވެ. އަދި ޕޮއިންޓް ލިބުނު ގޮތުގެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން 1 ވަނަ އިން 25 ވަނައަށް ގޮސްފައިވާ ފަރާތްތަކުން ގުރުއަތުގައި ބައިވެރިވުމަށް ކައުންސިލުން ވަނީ އެދިފައެވެ.
މި ޝީޓުގައި ވާ ގޮތުން އެންމެ ގިނަ ޕޮއިންޓް ލިބިފައިވާ 5 ފަރާތަށް 100 ޕޮއިންޓް ފުލްކޮށް ލިބިފައިވާއިރު، އިތުރު 5 ފަރާތަކަށް 97 ޕޮއިންޓް ލިބިފައިވެއެވެ. އަދި 2 މީހަކަށް 95 ޕޮއިންޓް، އެކަކަށް 92 ޕޮއިންޓް، 2 މީހަކަށް 90 ޕޮއިންޓް، އެކަކަށް 82 ޕޮއިންޓް، 5 މީހަކަށް 80 ޕޮއިންޓް އަދި 4 މީހަކަށް 77 ޕޮއިންޓާއެކު ޖުމްލަ 25 މީހުންނަށް ގޯތި ދޫކުރުމަށް ވަނީ ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން ގޯއްޗަށް އެދި ހުށަހެޅި 61 ފޯމްގެ ތެރެއިން ޝަރުތު ހަމަނުވެގެން 2 ފޯމް ބާތިލްކޮށްފައިވާއިރު 6 ފަރާތަކުން އަމިއްލަ އަށް އެދިގެން ވަނީ ފޯމު ބާޠިލްކޮށްފައިވާކަމަށް ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
މިގުރުއަތު ނެގުން އޮންނާނީ މިއަދު މެންދުރު 13:30 ގައި ކަނޑުހުޅުދޫ ކައުންސިލް އިދާރާގައެވެ. ގުރުއަތުގައި ބައިވެރިވުމަށް، ބަދަލުގައި މީހަކު ހަމަޖައްސާނަމަ ސިޓީއާއެކު ހާޟިރުވުމަށް ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާއިން ވަނީ އެދިފައެވެ.

