ޅ.ނައިފަރުގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުން ފުރަތަމަ ތިންމަހުގެ ކުލި ނުނަގާ ގޮތަށް ހަމަޖައްސައިފިއެވެ.
ނައިފަރު ކައުންސިލްގެ ލޯގޯ އާއި ވެބްސައިޓް ލޯންޗުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ ޅ. ނައިފަރުގައި ސަރުކާރުން އިމާރާތް ކޮށްފައިވާ 100 ފްލެޓަށް ވަންނަ މީހުން ފުރަތަމަ ތިން މަހު ކުލި ދައްކަން ނުޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
މިޚަބަރަކީ ނައިފަރު ރައްޔިތުންގެ ތެރެއިން ފްލެޓް ލިބުނު މީހުންނަށް ސަރުކާރުން ދިން އުފާވެރި ޚަބަރެކެވެ. ސަރުކާރުން އަދި ހައުސިންގ މިނިސްޓްރީގެ ފަރާތުން އެރަށު ކައުންސިލަށް އަންގާފައިވަނީ ފްލެޓްތަކުގެ ކުލި ފުރަތަމަ ތިންމަސްދުވަސް ފަހުން ހިނގަން ފަށާނެ ކަމަށެވެ.
މީގެ އިތުރުން ފްލެޓްތަކުގެ ކުލި ކުޑަ ކުރުމަށް ވެސް ސަރުކާރާ އެކު މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ނައިފަރުގައި އަޅާފައިވާ 100 ހައުސިން ޔުނިޓްތަކުގެ ތެރެއިން ކޮންމެ ޔުނިޓެއްވެސް ހަދާފައި ވަނީ 1000 އަކްފޫޓުގެ ޖާގައެއްގައި 3 ކޮޓަރި ހުންނާނެއެވެ. އަދި އަންނަ މާރޗްމަހުން ފެށިގެން ފްލެޓްތަކަށް މީހުން ބަދަލުވާން ފަށާނެ ކަމަށް ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޅ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އިއްޔެ ހަވީރު ވަނީ ނައިފަރުގެ ހައުސިން ޔުނިޓުތައް، ރަސްމީކޮށް އެ ރަށު ކައުންސިލާ ހަވާލުކުރައްވާފައެވެ.

