ރާއްޖޭގައި އިންޓަރނެޓް އަގުހެޔޮ ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތް އިންޑިއާގެ ބިލިއަނަރު މުކޭޝް އަމްބާނީގެ ކުންފުނި، ރިލަޔަންސް ޖިއޯއާއެކު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އޯޝަން ކަނެކްޓުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗެއާޕާސަން ރިޔާޒް މަންސޫރެވެ. އަދި ޖިއޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ރައީސް މެތިއު އޮމެން އެވެ. މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިއެއްބަސްވުމުގެ ދަށުން އަޅަން ހަމަޖެހިފައިވާ ސަބްމެރިން ކޭބަލް ގުޅާލާނީ ރާއްޖޭގައި އޮންނަ މޯލްޑިވް-އައިއޭއެކްސް (އިންޑިއާ އޭޝިއާ އެކްސްޕްރެސް) ކޭބަލާއެވެ. މިޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެންދާނީ ސަރުކާރުން އުފައްދާފައިވާ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)ގެ ސަބްސިޑަރީ ކުންފުނި އޯޝަން ކަނެކްޓުންނެވެ.
މި ކޭބަލް ގުޅާލުމުގެ މަސައްކަތް އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އޯޝަން ކަނެކްޓުން ބުންޏެވެ. އައިއޭއެސް އިން ހިދުމަތަށް ތައްޔާރު ވާނީ 2024 ވަނަ އަހަރުގެ މެދުތެރޭގަ އެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވީ، ރާއްޖޭގައި އަދިވެސް އިންޓަނެޓުގެ އަގު ބޮޑުކަން ފާހަގަ ކުރެވޭނެ ކަމަށާއި މި ކޭބަލާ އެކު އަގުހެޔޮކޮށް އިންޓަނެޓް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް އެކި ދާއިރާއިން ފުރުސަތުތައް ހުޅުވާލެވޭނެ ކަމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
“މިއީ ޕްރައިވެޓް ކުންފުނިތަކަށް އޮތް ކޮމްޕެޓިޝަނެއް ނޫންކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން. އަޅުގަނޑުމެން ބޭނުން ވަނީ ޕްރައިވެޓް ސެކްޓާއާ ގުޅިގެން ރާއްޖޭގެ އިގްތިސާދު ކުރިއަރުވަން މަސައްކަތް ކުރަން،” ފައްޔާޒު ވިދާޅުވި އެވެ.
މި ސަބްމެރިން ކޭބަލް މެދުވެރިކޮށް ދުނިޔޭގެ ދެ ބިތުގައި ދެ ކަނެކްޝަނެއް ތައާރަފުކުރާނެ އެވެ. އަދި ތާޑް ޕާޓީ ހަބްތަކަށް ބަރޯސާނުވެ ސިންގަޕޫރުން ޔޫރަޕަށް ސީދާ އިންޓަގްރޭޝަންތައް ލިބޭނެ އެވެ. މިއާ އެކު ރާއްޖޭގައި އިންޓަނެޓް ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަަކަށް މި ކޭބަލް ބޭނުންކޮށްގެން މިހާރަށްވުރެ ހަރަދު ކުޑަކޮށް ހިދުމަތް ދެވޭނެ އެވެ.

