ބ. ތުޅާދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް އެޅުމުގެ މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ވިދާޅުވެއްޖެއެވެ.
އާރްޑީސީއިން މިއަދު ވިދާޅުވީ، ތުޅާދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް އެޅުމުގެ މަޝްރޫއުގެ މަސައްކަތުގެ 100 އިންސައްތަ މިހާރުވަނީ ނިމިފައިކަމަށެވެ.
ތުޅާދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 28 މާރިޗު 2021 ގައެވެ. މިމަޝްރޫއުގެ ދަށުން ދަނޑުގެ ޕިޗްލެވެލް ކުރުމާއި ސައިޑް ވޯކް ޕޭވް ކުރުމުގެ އިތުރުން ފެންހިންދާ ނިޒާމުގެ މަސައްކަތް އާރްޑީސީއިން ވަނީ ކޮށްފައެވެ.
މި މަޝްރޫއުގެ އަގަކީ -/2،274،907.76 މިލިއަން ރުފިޔާއެވެ.
އާރްޑީސީއިން ވަނީ ވޭތުވެދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ މަޝްރޫއުތަކެއް ހިންގާފައެވެ. އަދި މިހާރުވެސް މަގުހެދުމުގެ މަޝްރޫއުގެ އިތުރުން ބިންހިއްކުމުގެ މަޝްރޫއުވެސް އާރްޑީސީއިން ގެންދަނީ ހިންގަމުންނެވެ.

